ޚަބަރު

އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 3 ހަފުތާފަހުން އިތުރުވެއްޖެ


އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 3 ހަފުތާފަހުން އިތުރުވެއްޖެއެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގެ ތިންވަނަ ރާޅަކާ ކުރިމަތިލާންޖެހުމުގެ ބިރުވަނީ އުފެދިފައެވެ.

އިންޑިޔާއިންވަނީ ކޯވިޑް-19 ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓުގެ ރާޅަކާ މިދިޔަ އޭޕުރިލް އަދި މޭއި މަހުގެ ތެރޭގައި ކުރިމަތިލައިފައެވެ. އެއަށްފަހު ބަލިޖެހޭ މީހުންގެ ޢަދަދުތައް ދަށަށްދިޔަ ނަމަވެސް އަނެއްކާވެސް އެ ޤައުމުގައި ބަލިމަޑުކަން ދަނީ ފެތުރެމުންނެވެ. އެ ގޮތުން ފާއިތުވި 8 ދުވަހުގެ ތެރެއިން 7 ދުވަހު އެ ޤައުމުގައި ބަލިޖެހުނު މީހުންގެ ޢަދަދުތައްވަނީ އިތުރުވެފައެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 44,230 މީހުންނަށް ބަލިޖެހިފައިވާކަމަށެވެ. އެއީ ފާއިތުވި 3 ހަފުތާގެ ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ދުވަހެވެ. އެއާއެކު އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 31.57 މިލިޔަނަށް އިތުރުވެފައެވެ. އޭގެ އިތުރުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 555 މީހުންވަނީ ބަލިމަޑުކަމުގައި މަރުވެފައެވެ. އެއާއެކު ޤައުމުގައި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 423,217އަށް އިތުރުވެފައެވެ.

އޮކްޓޯބަރު މަހުގެ ތެރޭގައި ކޯވިޑް-19ގެ ތިންވަނަ ރާޅަކާ އިންޑިޔާއިން ކުރިމަތިލާންޖެހިދާނެކަމުގެ އިންޒާރު ޞިއްޙީ ތަޖުރިބާކާރުންވަނީ ދީފައެވެ. މީގެ ކުރިން އިންޑިޔާއިން ކުރިމަތިލާފައިވާ ބަލިމަޑުކަމުގެ ރާޅުތަކަށްވުރެ ރަނގަޅަށް އިންޑިޔާއިން ދެން ޢަމަލުކުރާނެކަމަށް ބެލެވޭކަމަށާއި ވެކްސިން ޖެހުމުގެ މަޝްރޫޢު ހަލުވިކަމާއެކު ކުރިޔަށްގެންދަން ޖެހޭކަމަށް ޞިއްޙީ ތަޖުރިބާކާރުންވަނީ ބުނެފައެވެ. އަދި އޮކްޓޯބަރު މަހުގެ ކުރިން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ މުހިންމުކަންވެސް ޞިއްޙީ ތަޖުރިބާކާރުންވަނީ ފާހަގަކޮށްފައެވެ.

އިންޑިޔާގެ 1.35 ބިލިޔަން މީހުންގެ އާބާދީގެ 67.6 މީހުންގެ ހަށިގަނޑުގައި ބައްޔާ ދެކޮޅަށް މަސައްކަތްކުރާނެ އެންޓިބޮޑީ އުފެދިފައިވާނެކަމަށް އެ ޤައުމުގެ ޞިއްޙަތާބެހޭ ވުޒާރާއިން ލަފާކުރެއެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ 18 އަހަރުން މަތީގެ އާބާދީގެ 38 އިންސައްތަ މީހުންނެވެ.

އިންޑިޔާގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު 3 ހަފުތާފަހުން އިތުރުވެފައިވަނީ އެ ޤައުމުގެ ސުޓޭޓުތަކުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކަށް ބޮޑެތި ލުއިތަކެއް ދީފައިވަނިކޮށެވެ. ނަމަވެސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުން ޖުލައި 29ވަނަ ދުވަހުން ފެށިގެން އިންޑިޔާގެ ކެރެލާގައި ފުރަބަންދުގެ އުޞޫލުތައްވަނީ އިޔާދަކޮށްފައެވެ.