ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހޯމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރ އިމްރާން ކޯވިޑަށް ޓެސްޓްހެދީ ބަލިވެ އުޅުއްވާތީ މިމަހުގެ 28 ވަނަ ދުވަހުކަމަށެވެ. އަދި ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެކަމަށާއި، ރޭގައިވެސް ޑޮކްޓަރަކަށް ދައްކަން ވަޑައިގެންނެވިކަމަށް ހޯމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އިމްރާން ވަނީ ކޯވިޑް ވެކްސިންގެ 2 ޑޯޒްވެސް ފުރިހަމަކޮށްފައެވެ.
މިނިސްޓަރ އިމްރާންގެ އިތުރުން ސަރުކާރުގެ އިސް ބޭފުޅުންގެ ތެރެއިން ނާއިބު ރައީސް ފައިސަލް ނަސީމާއި، އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްވެސް ވަނީ މީގެކުރިން ކޯވިޑްޖެހި، ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ރަނގަޅުވަމުން އަންނައިރު، ބަލިޖެހޭ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އަދި އެނދުމަތިކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ.