ޚަބަރު

ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް މިޔަންމާއިން އެދެފި


ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ބައިނަލްއަޤްވާމީ އެހީތެރިކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން އެދެފިއެވެ.

ފެބުރުއަރީ މަހުގެ 1ވަނަ ދުވަހު މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިންވަނީ ހައްޔަރުކޮށްފައެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. ސިޔާސީ ހަލަބޮލިކަމާއި ކޯވިޑް-19 ނުރައްކާތެރި ރާޅެއްގެ އިތުރުން މިޔަންމާއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ޙާދިޘާތަކާވެސް އެ ޤައުމުންވަނީ ކުރިމަތިލާންޖެހިފައެވެ.

ނުރައްކާތެރި ފައްތަރެއްގައި އޮތް މިޔަންމާގެ އަސްކަރީ ސަރުކާރުންވަނީ އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަމަށް ބުނެފައެވެ. ޚާއްޞަކޮށް އާސިޔާނުގެ ޤައުމުތަކާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީތެރިކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާކަމަށް މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނެފައިވެއެވެ. އެ ގޮތުން ކޯވިޑް-19ން ސަލާމަތްވުމަށް ރައްކާތެރި ފިޔަވަޅުތައް އެޅުމާއި ޞިއްޙީ ސާމާނާއި ކޯވިޑް-19ގެ ވެކްސިން ހޯދުމުގައި އެހީތެރިކަން ބޭނުންވާކަމަށް އެ ޤައުމުންވަނީ ބުނެފައެވެ.

މިޔަންމާގައި ކުރި ބަޣާވާތަށްފަހު އެ ޤައުމުގެ އަސްކަރީ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދަނީ ޗައިނާއާއި ރަޝިޔާއިންނެވެ. އެ ގޮތުން ދާދިފަހުން ޗައިނާއިންވަނީ 2 މިލިޔަން ޑޯޒުގެ ވެކްސިން ފޯރުކޮށްދީފައެވެ. އަދި ރަޝިޔާގެ އެހީތެރިކަމާއެކު މިޔަންމާގައި ވެކްސިން ބަންދުކުރުމުގެ މަޝްރޫޢުއެއްވެސް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ.