މެލޭޝިޔާގެ ބޮޑުވަޒީރުކަމުގެ މަޤާމުން މުޙްޔިއްދީން ޔާސީން އިސްތިޢުފާދެއްވުމަށް ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންނާއި އެ ޤައުމުގެ އިދިކޮޅު ޕާޓީތަކުން ގޮވާލައިފިއެވެ. މުޙްޔިއްދީންގެ އިސްތިޢުފާއަށް ގޮވާލަމުންދާ އަޑުތައް ގަދަވެފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އަބްދުﷲގެ ފާޑުކިޔުއްވުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
މެލޭޝިޔާގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން މުޙްޔިއްދީންގެ އެދިލެއްވުމަކަށް ރަސްގެފާނުވަނީ އެ ޤައުމުގައި ކުއްލި ޙާލަތު އިޢުލާންކުރައްވައިފައެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ކުއްލި ޙާލަތު އިޢުލާނުކުރައްވުމަށް މުޙްޔިއްދީން އެދިވަޑައިގަތީ ސިޔާސީ މަންފާތަކެއް ހޯއްދެވުމުގެ މަޤްޞަދުގައެވެ. މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި އިޢުލާންކުރި ކުއްލި ޙާލަތު ޖުލައި މަހުގެ 21ވަނަ ދުވަހު މެލޭޝިޔާގެ ސަރުކާރުންވަނީ އުވާލައިފައެވެ.
މެލޭޝިޔާގެ ރަސްގެފާނުގެ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ރަސްގެފާނުގެ ޙުއްދަ ނުހޯއްދަވާކަމަށާއި އެއީ ޤާނޫނާ ޚިލާފު ނިންމުމެއްކަމަށެވެ. ނަމަވެސް މުޙްޔިއްދީންގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ޙާލަތު އުވާލާފައިވަނީ ޤާނޫނާ އެއްގޮތަކަށްކަމަށެވެ.
ސަރުކާރުގައި ހިމެނޭ އެންމެ ބޮޑު ޕާޓީންވަނީ ރަސްގެފާނުގެ ޢަމުރަށް ނުކިޔަމަންތެރިކަންވެފައިވާކަމަށް ތުޙްމަތުކުރުމަށްފަހު ބޮޑުވަޒީރުކަމުގެ މަޤާމުން މުޙްޔިއްދީން އިސްތިޢުފާ ދެއްވުމަށް ގޮވާލައިފައެވެ. އަދި މެލޭޝިޔާގެ އިދިކޮޅު އެންމެ އިސްވެރިޔާ އަންވަރު އިބްރާހީމުވަނީ ޤާނޫނުހަދާ މަޖިލީހުގެ ގިނަ މެންބަރުންގެ ތާޢީދެއް މުޙްޔިއްދީންނަށް ނެތްކަމަށާއި އޭނާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެފައެވެ.
މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައި ހުންނެވި އިސްމާޢީލް ޞަބުރީ ބިން ޔަޢުޤޫބު ވިދާޅުވީ ޤާނޫނުހަދާ މަޖިލީހުގައި ހިމެނޭ 222 މެންބަރުގެ ތެރެއިން 110 މެންބަރުގެ ތާޢީދު މުޙްޔިއްދީންނަށް އޮތްކަމަށެވެ.