ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި އަލިފާން ރޯވި ތަނަކީ ކުޑަކުދިން މިހާރު ތިބޭތަނެއް ނޫން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އަދި އެތަނުގައި އަލިފާނުގެ ޙާދިސާތައް ހިންގަން މެދުވެރިވާ ސަބަބު ދެނެގަތުމަށް މަސައްކަތް ކުރަމުންދާކަމަށް އެމިނިސްޓްރީއިން ވިދާޅުވެއެވެ.
ކުޑަކުދިންގެ ހިޔާގައި ވޭތުވެދިޔަ 3 މަސްތެރޭގައި އަލިފާނުގެ ތަފާތު އެކި ޙާދިސާތައް ހިނގުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު އެތަނުގައި މިހާރު ކުޑަކުދިން ނުތިބޭ ކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ. ހިޔާގައި ތިބި ކުޑަކުދިން މިހާރު ރަށްރަށުގައި ހުރި އަމާން ހިޔާތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޒިފްލީން ހަސަން ވިދާޅުވީ ކުޑަކުދިންގެ ހިޔާގައި މިވަގުތު ތިބީ ޑޮކްޓަރަށް ދެއްކުމަށް އަމާން ހިޔާއިން މާލެ އައި ކުއްޖަކާއި އަމާން ހިޔާއަށް ދިޔުމަށްޓަކާ އެތަނުގައި ވަގުތީ ގޮތުން ބަހައްޓާފައިވާ ކުއްޖެއްކަމަށެވެ. އަދި ވަރަށް އަވަހަށް މިދެކުދިންވެސް އަމާން ހިޔާއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށް ޒިފްލީން ވިދާޅުވިއެވެ. އަދި އަލިފާނުގެ ޙާދިސާ ހިނގާފައިވަނީ މިވަގުތު އެތަނުގައި މަޑުކޮށްގެން ތިބި ކުދިން ތިބި ޢިމާރާތުގައި ނޫންކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.
ކުޑަކުދިންގެ ހިޔާގައި ފަހަކަށް އައިސް އަލިފާނުގެ ޙާދިސާތައް ހިނގުންވަނީ ޢާއްމުވެފައެވެ. އެގޮތުން ވޭތުވެދިޔަ ތިންމަހުގެ ތެރޭގައިވެސް އެތަނުގެ އެކި ފަންގިފިލާތަކުގައި އަލިފާނުގެ އެކިޙާދިސާތައްވަނީ ހިނގާފައެވެ. މިއިން ޙާދިސާއެއްގައި މީހަކަށް އަނިޔާނުވިނަމަވެސް އެތަނުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. ކުޑަކުދިންގެ ހިޔާގައި އެކި ވަރުގެ އަލިފާނުގެ ޙާދިސާތައް ހިނގަމުން އަންނައިރު މިޙާދިސާތައް ހިނގުމަށް މެދުވެރިވާ ސަބަބެއް މިހާތަނަށް ކަމާބެހޭ އެއްވެސް ފަރާތަކުން ހާމަ ކުރައްވާފައެއް ނުވެއެވެ.
ވިލިމާލޭގައި ޤާއިމުކޮށްފައިވާ ކުޑަކުދިންގެ ހިޔާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް ޤާއިމުކޮށްފައިވާ ތަނެކެވެ. ހުޅުމާލޭގައި ފިޔަވަތި ތަރައްޤީކުރުމާއެކު ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އައިސްފައިވަނީ ޢުމުރުން 10 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންނެވެ. އެހެންނަމަވެސް މިހާރު މިކުދިންނަށް ޢާއިލާއާއި މުޖުތަމަޢުއިން ލިބިދޭންޖެހޭ އަޅާލުމާއި ބައިވެރިވުން ހޯދައިދިނުމަށް ސަރުކާރުންވަނީ އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ އަމާން ހިޔާތަކަށް މިކުދިން ބަދަލުކޮށްފައެވެ. އެގޮތުން ކުޑަކުދިންގެ ހިޔާގައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 50 އަށްވުރެ ގިނަ ކުދިންވަނީ ރަށްރަށުގައި ޤާއިމުކޮށްފައިވާ އަމާން ހިޔާތަކަށް ބަދަލުކޮށްފައިކަމަށް ޖެންޑަރ މިނިސްޓްރީއިން ވިދާޅުވެއެވެ.