މުނިފޫހިފިލުވުން

އަރުޖުން ބިޖްލާނީ "ބިގް ބޮސް 15" އަށް


"ހަތްރޯންކީ ކިލާޅީ 11" އަށްފަހު ޓީވީ އެކްޓަރ އަރުޖުން ބިޖްލާނީ "ބިގް ބޮސް 15" އިން ފެންނާނެކަމަށް މުނިފޫހިފިލުވައިދޭ ޚަބަރުތައް ގެނެސްދޭ އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އަރުޖުންއަކީ މި ޝޯގައި ވާދަކުރާނެކަމަށް މިހާތަނަށް ކަށަވަރުވީ ފުރަތަމަ ބައިވެރިޔާއެވެ. އަރުޖުންވެސް ވަނީ މީގެކުޑަދުވަސްކޮޅެއް ކުރިން މިކަން ޔަޤީންކޮށްދީފައެވެ. އަރުޖުން ޝޯގައި ވާދަކުރަން ނިންމީ އޭނާ ޑިމާންޑްކުރި އަގު ދޭން ޝޯގެ ޓީމުން ނިންމުމުންނެވެ. މިއާއެކު އަނެއްކާވެސް އަރުޖުން ހުންނަން ޖެހޭނީ އޭނާގެ ޢާއިލާއާއި ދުވަސްގަނޑަކަށް ދުރުގައެވެ.

"އިޝްމޭ މަރުޖާވާ" ، "ޕަރްދޭސް މޭ ހޭ މޭރާ ދިލް" އަދި "ނާގިން" އިންވެސް ފެނިގެންގޮސްފައިވާ ޓީވީ ތަރި އަރުޖުން ވަނީ ބައެއް ޝޯތައްވެސް ހުށަހަޅާދީފައެވެ. "ޑާންސް ދިވާނޭ" ، "ކިޗަން ޗެމްޕިއަން" އަކީ މިގޮތުން ފާހަގަކޮށްލެވޭ ދެ ޝޯއެވެ.

"ބިގް ބޮސް 15" އާއި ގުޅިގެން އެންމެފަހުން އިވުނީ ޝޯގެ ޑިޖިޓަލް ޝޯތައް ކަރަން ޖޯހަރް ހުށަހަޅާދޭނެ ޚަބަރެވެ. ކަލާރސް ގެ ސްޓްރީމިންގ ޕްލެޓް ފޯމު ވޫޓުން ގެނެސްދޭން ހަމަޖެހިފައި މި އޯޓީޓީ ޝޯ ހަ ހަފްތާއަށް ދިގު ދެމިގެންދާނެއެވެ. ޓީވީ ދައްކާ ޝޯތައް ގެނެސްދޭން ފަށާނީ އޯޓީޓީ އަށްފަހުގައި ކަމަށް ޚަބަރުތައް ބުނެއެވެ.