ޚަބަރު

ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބެންކޮކް އެއާޕޯޓުގައި ހަސްފަތާލެއް އަޅައިފި


ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބެންކޮކުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ހަސްފަތާލެއް އަޅައިފިއެވެ.

ބެންކޮކުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ހަސްފަތާލެއް އަޅާފައިވަނީ ގުދަނެއް ހުސްކުރުމަށްފަހުއެވެ. އެއީ 1،800 އެނދުގެ ހަސްފަތާލެކެވެ. އަދި ކޯވިޑް-19އަށް ފަރުވާ ދިނުމަށް ބޭނުންވާ ހުރިހާ އިންތިޒާމުތަކެއް އެ ހަސްފަތާލުގައި ހަމަޖައްސާފައިވެއެވެ.

ދުނިޔޭގައި ކޯވިޑް-19 އެންމެ ފުރަތަމަ ފެނުނު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑުގެ އެންމެ ބާރުބޮޑު ވައިގެ ބަނދަރުގައި ހަސްފަތާލެއް އަޅާފައިވަނީ އެ ޤައުމުގައި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 16,533 މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި ބަލިމަޑުކަމުގައި 133 މީހުންވަނީ މަރުވެފައެވެ. އެއާއެކު ތައިލޭންޑުގައި ބަލިޖެހުނު މީހުންގެ ޖުމުލަ ޢަދަދުވަނީ 543,361އަށް އަރައިފައެވެ. އަދި ބަލުމަޑުކަމުގައި މަރުވި މީހުންގެ ޢަދަދުވަނީ 4,397އަށް އަރައިފައެވެ.

ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގައި އެދެވިގެންވާ ކުރިއެރުމެއް ތައިލޭންޑުން ހޯދިފައެއް ނުވެއެވެ. އެ ޤައުމުގެ ސަރުކާރުގެ އަމާޒުކޮށްފައިވަނީ އަހަރު ނިމުމުގެ ކުރިން 50 މިލިޔަން މީހުންނަށް ވެކްސިން ދިނުމަށެވެ. ނަމަވެސް އެ ޤައުމުގެ 66 މިލިޔަން މީހުންގެ އާބާދީން ވެކްސިންގެ ޑޯޒުތައް މިހާތަނަށް ފުރިހަމަކޮށްފައިވަނީ އެންމެ 5.6 އިންސައްތަ މީހުންނެވެ.