ޚަބަރު

ގުޅުންތައް ބަދަހިކުރުމަށް 2 ކޮރެޔާއިން އަނެއްކާވެސް މަސައްކަތްކުރަނީ


އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތް އަނެއްކާވެސް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދެ ކޮރެޔާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރުމަށް ދެ ޤައުމުން ގުޅިގެން ޚާއްޞަ އިދާރާއެއް އަލުން ޤާއިމުކުރުމަށާއި ދެ ޤައުމުގެ ދެމެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށްވަނީ މަޝްވަރާކޮށްފައެވެ. އަދި މިދިޔަ އޭޕުރިލް މަހުގެ ފަހުން އުތުރު ކޮރެޔާގެ ޒަޢީމު ކިމު ޖޮން އުންނާއި ދެކުނު ކޮރެޔާގެ ރައީސް މޫން ޖައި އިންނާ ދެމެދު ސިޓީތަކެއްވަނީ ބަދަލުކުރައްވާފައިވާއެވެ.

އުތުރު ކޮރެޔާއާއި ދެކުނު ކޮރެޔާއާ ދެމެދު ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތުގެ ދަށުން އަހަރަކަށްވުރެ ގިނަ ދުވަސްފަހުން ދެ ޤައުމުގެ ދެމެދުގައި ރަސްމީ މުވާސަލާތީ ގުޅުންތައްވަނީ އަލުން ޤާއިމުކޮށްފައެވެ. އެއީ 2018ވަނަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ގުޅުންތައް ގޯސްވިފަހުން ގުޅުންތައް އަލުން ބަދަހިކުރުމަށް ކުރިޔަށް އަޅައި ފުރަތަމަ ފިޔަވަޅެވެ. އޭގެ އިތުރުން ދެ ކޮރެޔާގެ ދެމެދުގައި ގުޅުންތައް ބަދަހިކުރެވިއްޖެނަމަ އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށްވެސް ފުރުޞަތު ލިބޭނެއެވެ. އުތުރު ކޮރެޔާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުންތައް ހީނަރުވެފައިވަނީ އިތުރު ކޮރެޔާގެ ނިޔުކްލިޔަރ ހަތިޔާރާއި މިސައިލު އުފެއްދުމުގެ މަޝްރޫޢުގެ ސަބަބުންނެވެ.