ޚަބަރު

ޓިބެޓުގެ ވަފުދަކާ ބުލިންކެން ބައްދަލުކުރެއްވުމުން ޗައިނާގެ ނުރުހުން


އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ޓިބެޓުގެ ވަފުދަކާ އެމެރިކާގެ ޚާރިޖީ ވަޒީރު އެންތޮނީ ބުލިންކެން ބައްދަލުކުރައްވައިފިއެވެ.

އިންޑިޔާގެ ވެރިރަށް ނިޔު ދިއްލީގައި ބުލިންކެން ޓިބެޓުގެ ވަފުދަކާ ބައްދަލުކުރައްވާފައިވަނީ އިންޑިޔާގެ އެކި އިޖުތިމާޢީ ޖަމުޢިއްޔާތަކާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޓިބެޓުގެ ސަރަޙައްދީ ސާރުކާރުގެ މަންދޫބެއް ބައިވެރިވަޑައިގެންފައިވެއެވެ.

ޓިބެޓުގެ ވަފުދަކާ ބުލިންކެން ބައްދަލުކުރެއްވުމަކީ ވާދަވެރި ޗައިނާ ހިތްހަމަޖެހޭނެކަމެއް ނޫނެވެ. ޗައިނާގެ ބާރުގެ ދަށަށް ޓިބެޓު ގެންގޮސްފައިވަނީ 1950ވަނަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން ޓިބެޓަކީ ޗައިނާގެ ބައެއްގެ ގޮތުގައި ރަސްމީކޮށްވަނީ ކަނޑައަޅައިފައެވެ. ޓިބެޓަކީ ޗައިނާއާއި އިންޑިޔާގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ސަރަޙައްދެކެވެ. އަމިއްލަ ވެރިކަމެއް ޤާއިމުކުރުމަކީ ޓިބެޓުގެ ސަރަޙައްދީ ސަރުކާރުން އަބަދުވެސް މަސައްކަތްކޮށް ވަކާލާތުކުރަމުންދާ ކަމެކެވެ.

ފާއިތުވި ދުވަސްތަކުގައި އެމެރިކާއިންވަނީ ޓިބެޓާއެކު އޮންނަ ގުޅުންތައް ބަދަހިކުރުމަށް މަސައްކަތްކޮށްފައެވެ. އެ ގޮތުން އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުންވަނީ ޓިބެޓުގެ ސަރަޙައްދީ ސަރުކާރާއި ޓިބެޓުގެ ރައްޔިތުންގެ ޙައްޤުތައް ބަލައިގަތުމަށް ޙާއްޞަ ޤާނޫނެއް ފާސްކޮށްފައެވެ. އެ ޤާނޫނުގެ ދަށުން އެމެރިކާގެ ކޮންސޫލޭޓެއް ޓިބެޓުގެ ވެރިރަށްކަމަށްވާ ޅާސާގައި ޤާއިމުކުރުމަށްވަނީ ނިންމައިފައެވެ.

އެމެރިކާއިން ޓިބެޓާ ގުޅުންތައް ބަދަހިކޮށް ޓިބެޓުގެ ވަފުދަކާ ބައްދަލުކުރެއްވުމާ ގުޅޭގޮތުން ޗައިނާގެ ޚާރިޖީ ވުޒާރާއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޓިބެޓުގެ ވަފުދަކާ ބުލިންކެން ބައްދަލުކުރައްވާފައިވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިން ޓިބެޓަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން ޖުލައި މަހުގެ 21ން 22އަށް ޝީ ކުރެއްވި ދަތުރުފުޅަކީ ޗައިނާގެ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ޓިބެޓަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

އިންޑިޔާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި ބުލިންކެންވަނީ އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބުރަމަންޔަމު ޖައިޝަންކަރާ ބައްދަލުކުރައްވައި އަފްޣާނިސްތާނުގެ މައްސަލައާއި ކޯވިޑް-19އާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.