ޚަބަރު

ވިކްޓޯރިޔާގެ ފުރަބަންދު ނިމުމަކަށް، ސިޑުނީގެ ޙާލަތު އަދިވެސް ގޯސް


އޮސްޓުރޭލިޔާގެ ވިކްޓޯރިޔާ ސްޓޭޓުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ ހަރުކަށި އުޞޫލުތަކަށް ނިމުމެއް ގެނެސްފިއެވެ. ނަމަވެސް އަވަށްޓެރި ނިޔު ސައުތު ވޭލްސްގެ ޙާލަތު ގޯސްވެ، ފާއިތުވި 16 މަސްދުވަހުގެ ތެރޭގައި ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުނުވާ މިންވަރަށްވަނީ އިތުރުވެފައެވެ.

ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގެ ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ނިޔު ސައުތު ވޭލްސްގެ ސިޑުނީގައި ފެތުރި އަވަށްޓެރި 3 ސުޓޭޓަކަށް ފެތުރުމުގެ ސަބަބުން އޮސްޓުރޭލިޔާގެ 26 މިލިޔަން މީހުންގެ އާބާދީގެ ދެބައިކުޅަ އެއްބައިވަނީ ފުރަބަންދުކޮށްފައެވެ. އޮސްޓުރޭލިޔާގެ އެންމެ އާބާދީ ބޮޑު ސުޓޭޓުކަމަށްވާ ނިޔު ސައުތު ވޭލްސްގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 172 މީހުންނަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އޭގެ ކުރީ ދުވަހު އެ ސުޓޭޓޫގައި ބަލިޖެހިފައިވަނީ 145 މީހުންނަށެވެ. އެއާއެކު ފާއިތުވި 5 ހަފުތާގެ ތެރޭގައި ނިޔު ސައުތު ވޭލްސްގައި ތަންފީޒުކޮށްފައިވާ ފުރަބަންދުގެ އުޞޫލުތަކުގެ މުއްދަތު އިތުރުކުރާނެކަމަށް ބެލެވެއެވެ. އެ ސުޓޭޓުގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ އާބާދީ 13 އިންސައްތަ މީހުންނެވެ.

ފަސް މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ވިކްޓޯރިޔާއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި ބަލިޖެހިފައިވަނީ ކަރަންޓީނުގައި ތިބި 10 މީހުންނަށްކަމަށެވެ. އެއާއެކު އެ ސުޓޭޓުގައި ދިރިއުޅޭ ޢާންމުން ބޭރަށް ނުކުތުމާއި މަދަރުސާތައް ހުޅުވުމުގެ ޙުއްދަވަނީ ދީފައެވެ. ނަމަވެސް އެ ގެއިން އަނެއް ގެޔަށް ޒިޔާރަތްކުރުން އަދިވެސް މަނާވާނެއެވެ.

އޭގެ އިތުރުން ސައުތު އޮސްޓުރޭލިޔާގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައްވެސް އުވާލުމަށްވަނީ ނިންމާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސުޓޭޓުގައި އެއްވެސް މީހަކަށް ބަލިޖެހިފައެއް ނުވެއެވެ.

ދުނިޔޭގައި ކޯވިޑް-19 ފެތުރެން ފެށުނު ދުވަސްވަރު އޮސްޓުރޭލިޔާއިންވަނީ ބަލިމަޑުކަމާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމުން އެ ޤައުމުގައި ބަލިފެތުރޭ ނިޞްބަތްވަނީ އިތުރުވެފައެވެ. އެ ގޮތުން އެ ޤައުމުގައި 33,000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 900އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެކަށީގެންވާ ޢަދަދެއް ބަޔަކަށް އޮސްޓުރޭލިޔާގައި ވެކްސިން ދެވިފައެއްވެސް ނުވެއެވެ. އެ ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ސުކޮޓު މޮރިސަންވަނީ މަޢާފަށްވެސް އެދިވަޑައިގެންފައެވެ.