ޚަބަރު

4 މަސްދުވަހަށްފަހު އިންޑިޔާގައި ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށް


ހަތަރު މަސްދުވަހަށްފަހު އިންޑިޔާގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށަށް ގޮސްފިއެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ކޯވިޑް-19 ޖެހިފައިވަނީ 29,689 މީހުންނަށެވެ. އެއީ މާރިޗު މަހުގެ 17ވަނަ ދުވަހުގެ ފަހުން އިންޑިޔާގައި ބަލިޖެހުނު މީހުންގެ ޢަދަދު ދަށަށްދިޔަ ފުރަތަމަ ފަހަރެވެ.

ފާއިތުވި މަސްތަކުގެ ތެރޭގައި އިންޑިޔާއިންވަނީ ކޯވިޑް-19ގެ ނުރައްކާތެރި ރާޅަކާ ކުރިމަތިލައިފައެވެ. އެ ގޮތުން އެ ދުވަސްވަރުގެ ތެރޭގައި އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 400،000 މީހުންނަށް ބަލިޖެހުނެވެ. އަދި ބަލިމަޑުކަމުގައި ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ ޢަދަދުވަނީ 4،000އަށްވުރެ މައްޗަށް އަރައިފައެވެ. ދުނިޔޭގައި ކޯވިޑް-19 ޖެހިގެން ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިންޑިޔާގައެވެ. އެއާއެކު އެ ޤައުމުގެ ސުޓޭޓުތައް ފުރަބަންދުކުރުމަށްފަހު ކޯވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހުމުގެ މަސައްކަތްވަނީ ހަލުވިކޮށްފައެވެ. ނަމަވެސް އިންޑިޔާގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް އެ ޤައުމުން ވެކްސިން އުފެއްދުމުގައި ދަތިތަކެއް ކުރިމަތިވެ އެ ޤައުމުން ވެކްސިން ބޭރުކުރުންވެސްވަނީ މަޑުޖައްސާލައިފައެވެ. 1.3 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ އާބާދީގެ 6.8 އިންސައްތަ މީހުންނެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ގޮތުން އެ ޤައުމުގައި 31.4 މިލިޔަން މީހުންނަށް ބަލިޖެހި 421،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.