ޚަބަރު

ދެކުނުއިރުމަތީ އޭޝިޔާއަށް ވަޑައިގަންނަވާ ބައިޑަންގެ ފުރަތަމަ ވަޒީރަކަށް އޮސްޓިން


ޗައިނާއާ ދެކޮޅަށް ޤައުމުތައް އެއްބައިވަންތަކުރެއްވުމުގެ މަޤްޞަދުގައި އެމެރިކާގެ ދިފާޢީ ވަޒީރު ލޮޔިޑު އޮސްޓިން ދެކުނުއިރުމަތީ އޭޝިޔާއަށް ވަޑައިގެންފިއެވެ. އެއީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުގެ ވަޒީރެއް އެ ސަރަޙައްދަށް ވަޑައިގަންނަވައި ފުރަތަމަ ފަހަރެވެ.

އެމެރިކާއިން ޤަބޫލުކުރާ ގޮތުގައި އެ ޤައުމަށް ސަލާމަތީ ގޮތުން ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާއެވެ. އެ ގޮތުން ދާދިފަހުން ދުނިޔޭގައި އިޤްތިޞާދީ ގޮތުން އެންމެ ބޮޑަށް ކުރިއަރާފައިވާ 7 ޤައުމުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުންތަކުގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުމުގައި ބައިޑަންވަނީ ޗައިނާގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާމެދު ވާހަކަދައްކަވައިފައެވެ.

މިދިޔަ ޖަނަވަރީ މަހުގެ 20ވަނަ ދުވަހު އެމެރިކާގެ ވެރިކަމާ ބައިޑަން ޙަވާލުވެވަޑަައިގަތުމަށްފަހު ޗައިނާގެ ނުފޫޒު ވަރަށް ބޮޑަށް އޮންނަ ދެކުނުއިރުމަތީ އޭޝިޔާއާމެދު ޢަމަލުކުރައްވާނެ ސިޔާސަތުތަކެއް ޢާންމުކުރައްވާފައެއް ނުވެއެވެ. ނަމަވެސް އެ ސަރަޙައްދަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަވަމުން އޮސްޓިން ވިދާޅުވެފައިވަނީ އޭނާގެ ދަތުރުފުޅުގައި އެންމެ މުހިންމުކަމެއް ދެއްވާނީ ޤައުމުތަކުގެ މެދުގައި ގުޅުންތައް ހަރުދަނާކޮށް ބަދަހިކުރުމަށްކަމަށެވެ. ޚާއްޞަކޮށް ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިންގަމުންދާ އިޤްތިޞާދީ އަދި އަސްކަރީ ޙަރަކާތްތަކާމެދު ނުތަނަވަސްވެފައިވާ ސަރަޙައްދީ ޤައުމުތަކުގެ ކަނބޮޑުވުން އަޑުއައްސަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ދެކުނުއިރުމަތީ އޭޝިޔާއަށް އޮސްޓިން އެންމެ ފުރަތަމަ ވަޑައިގަންނަވަން ނިންމެވީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ. ނަމަވެސް ސިންގަޕޫރުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދިޔުމުގެ ސަބަބުން ދަތުރުފުޅު ފަސްކުރެއްވީއެވެ. ދެކުނުއިރުމަތީ އޭޝިޔާއަށް އޮސްޓިން ކުރައްވާ ދަތުރުފުޅުގައި ސިންގަޕޫރުގެ އިތުރުން ވިއެޓުނާމާއި ފިލިޕީންސަށް ވަޑައިގަންނަވާނެއެވެ. ސިޔާސީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ދެކުނުއިރުމަތީ އޭޝިޔާއަށް ބައިޑަން ދެއްވާ އަހަންމިއްޔަތު އޮސްޓިންގެ ދަތުރުފުޅުން ސާބިތުކޮށްދެއެވެ.