ޚަބަރު

ސަރުކާރު އުވާލެއްވުމަށްފަހު އިދިކޮޅު މުޒާހަރާގައި ތޫނީސިޔާގެ ރައީސް ބައިވެރިވެވަޑައިގެންފި


ތޫނީސިޔާގެ ސަރުކާރު އުވާލައްވައި ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑުކުރެއްވުމަށްފަހު އެ ޤައުމުގެ ރައީސް ޤައީސް ސަޢީދު އިދިކޮޅު މުޒާހަރާއާ ގުޅިވަޑައިގެންފިއެވެ. އެއާއެކު ތޫނީސިޔާގައި ކުރަމުންދިޔަ ދިމީޤްރާޠީ ވެރިކަމުގެ ނިޒާމަށްވަނީ ބޮޑު ލޮޅުމެއް އަރައިފައެވެ.

ތޫނީސިޔާގެ ރައީސް އެ ޤައުމުގެ ސަރުކާރު އުވާލައްވައިފައިވަނީ ބޮޑުވަޒީރު ހާޝިމު މަޝީޝީއާ ޖެހިވަޑައިގަތް މައްސަލަތައް ހައްލުކުރެއްވުމަށް ކުރެއްވި މަޝްވަރާތަކުން ކުރިއެރުމެއް ނުލިބުމުންނެވެ. ތޫނީސީޔާގެ ރައީސާއި ބޮޑުވަޒީރާ ދެމެދު ޚިޔާލު ތަފާތުވުން އުފެދިފައިވަނީ އެ ޤައުމުގެ އިޤްތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ ޢަރަބި ޤައުމެއްކަމަށްވާ ތޫނީސުޔާގެ އިޤްތިޞާދު އަޑިއަޅާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެ ސަބަބުންނެވެ. އެއާއެކު ބަލިމަޑުކަމާ ދެކޮޅަށް މަޝީޝީގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާމެދުވެސް ޢާންމުންވަނީ ހިތްހަމަނުޖެހިފައެވެ.

ތޫނީސިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި ރާޝިދު ޣަނޫޝީއަކީ ފާއިތުވި 10 އަހަރުދުވަހު އެ ޤައުމުގައި އެކުލަވާލާފައިވާ ސަރުކާރުތަކުގެ މުހިންމު ބައިވެރިއެކެވެ. އަދި އޭނާއަކީ އެ ސަރުކާރުތައް އެކުލަވާލުމުގައި މުހިންމު ދަޢުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރު އުވާލައްވައި ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑުކުރުމުން އޭނާވަނީ އެ ކަމާއި ދެކޮޅަށް މުޒާހަރާކުރުމަށް ޢާންމުންނަށް ގޮވާލައްވައިފައެވެ.

ތޫނީސިޔާގެ ސަރުކާރު އުވާލައި ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑުކޮށްފައިވަނީ އިދިކޮޅު ފަރާތްތަކުން އެ ޤައުމުގައި ވަރުގަދަ މުޒާހަރާތަކެއް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. އެއާއެކު ސަޢީދު ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ 30 ދުވަހުގެ މުއްދަތަކަށް ޤާނޫނުހަދާ މަޖިލިސް ސަސްޕެންޑުކުރެއްވުމަށްފަހު ބޮޑުވަޒީރަކަށް އައު ބޭފުޅެއް ޢައްޔަނުކުރައްވާނެކަމަށެވެ. ނަމަވެސް އެ މަޤާމަށް ޢައްޔަންކުރައްވާނީ ކޮން ބޭފުޅެއްކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ. އޭނާގެ އެ ނިންމެވުމާއެކު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރި ފަރާތްތަކުންވަނީ އުފާ ފައުޅުކޮށްފައެވެ. އަދި ސަޢީދުވަނީ އުފާ ފައުޅުކުރުމުގެ އެއްވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ތޫނީސިޔާގައި ދިމީޤްރާޠީ ވެރިކަމުގެ ނިޒާމެއް ޤާއިމުކޮށްފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައި ފެތުރުނު ޢަރަބި ބަހާރުގެ ތެރެއިންނެވެ. ނަމަވެސް އޭގެ ފަހުން ފާއިތުވި އަހަރުތަކުގައި އެ ޤައުމުގައި އެކަށީގެންވާ ގޮތަކަށް ސަރުކާރެއް ހިންގިފައެއް ނުވެއެވެ.