ޚަބަރު

އަންނަމަހުގެ 10 ވަނަދުވަހުން ފެށިގެން އުމްރާއަށް ދެވޭނެ


އަންނަ މަހުގެ 10 ވަނަދުވަހުން ފެށިގެން އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތު އެޤައުމުން ހުޅުވާލައިފިއެވެ. ސައުދީ ސަރުކާރުން ބުނީ މުހައްރަމު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 9 ޤައުމަކުން ފިޔަވާ ހުރިހާ ޤައުމަކުން އުމްރާއަށް މީހުން ގޮވައިގެން ސީދާ ދަތުރުތައް އެޤައުމަށް ކުރެވޭނެކަމަށެވެ.

ސައުދީއަށް ޑައިރެކްޓް ފްލައިޓް ބޭއްވުމުގެ ހުއްދަ ދީފައި ނުވަނީ އިންޑިއާ، ޕާކިސްތާނު، އިންޑޮނޭޝިއާ، މިސްރު، ތުރުކީ، އާޖެންޓިނާ، ބްރެޒިލް އަދި ސައުތް އެފްރިކާގެ އިތުރުން ލެބަނާނަށެވެ. މި ޤައުމުތަކުން ސައުދީއަށް ދަތުރުކުރާ އެންމެންވެސް އަމިއްލަ ޤައުމު ނޫން އެހެން ޤައުމެއްގައި 14 ދުވަހު ކަރަންޓީނު ފުރިހަމަ ކުރަންޖެހޭނެއެވެ.

ސައުދީ ސަރުކާރުން ބުނީ އުމްރާއަށް އެތެރެވެވޭނީ ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަނުން އުފައްދާފައިވާ ކޯވިޑްގެ ވެކްސިން ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ޗައިނާގައި އުފައްދާފައިވާ ސިނޮފާމް ވެކްސިން ޖަހާފައިވާ މީހެއްނަމަ އެމީހަކު ސައުދީއަށް އެތެރެވުމުގެ ކުރިން ފައިޒަރ، މޮޑާނާ، އެސްޓަރަޒެނެކާ އަދި ޖޮންސަން އެންޑް ޖޮންސަންގެ ބޫސްޓަރ ޝޮޓެއް ޖަހަން ޖެހޭނެކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅަކުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް އުމްރާގެ އަޅުކަމަށް ސައުދީއަށް އެތެރެވުމުގެ ހުއްދަވެސް ވަނީ ދީފައެވެ. ސައުދީ ރައްޔިތުންނަށް އިއްޔެއިން ފެށިގެން އުމްރާވުމުގެ ފުރުސަތު އެޤައުމުން ވަނީ ހުޅުވާލާފައެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން މިދިޔަ އަހަރާއި މިއަހަރުވެސް އުމްރާއާއި ޙައްޖުގެ އަޅުކަން ގެންގޮސްފައިވަނީ މަދު އަދަދެއްގެ ބަޔަކާއި އެކުއެވެ. ސައުދީ ސަރުކާރުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކުރީ 58.518 މީހުންނެވެ. މީގެތެރެއިން 33،518 މީހުންނަކީ ސައުދީ ރައްޔިތުންނެވެ. ބާކީ ތިބި 25،000 މީހުންނަކީ އެ ޤައުމުގައި ދިރިއުޅޭ 150 ޤައުމެއްގެ މީހުންނެވެ.

މި ފަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވި މީހުންގެ ތެރެއިން 32،816 މީހުންނަކީ ފިރިހެނުންނެވެ. މަހްރަމަކާއި ނުލާ އަންހެނުންނަށް ފުރަތަމަ ފަހަރަށް ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު މިއަހަރު ލިބުނުއިރު 25،702 އަންހެނުން ވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ސައުދީ ސަރުކާރުން ބުނީ މި އަހަރުގެ ޙައްޖުގެ އަޅުކަން ނިންމާލީ މި ބަލިމަޑުކަމުގެ ތެރޭގައިވެސް ވަރަށް ކާމިޔާބުކޮށްކަމަށެވެ، މި ގޮތުން ޙައްޖުގެ އަޅުކަމުގެ ތެރޭގައި އެއްވެސް މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައި ނުވާކަން ސައުދީ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.