ޚަބަރު

އިންޑޮނޭޝިޔާގެ ހަސްފަތާލުތަކުން އޮކްސިޖަން ހުސްވެ، އައިސީޔޫތައް ފުރިއްޖެ


އިންޑޮނޭޝިޔާގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގެ ހަސްފަތާލުތަކުގެ އައިސީޔޫތައް ފުރި އޮކްސިޖަން ލިބުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހިއްޖެއެވެ.

އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19ގެ ނުރައްކާތެރި އަދި ވާރުތަވުމުގައި ބާރުގަދަ ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު އިންޑޮނޭޝިޔާގައި ހަލުވިކަމާއެކު ފެތުރުމުގެ ސަބަބުން އެ ޤައުމުވެފައިވަނީ އޭޝިޔާ ސަރަޙައްދުގައި ޙާލަތު އެންމެ ގޯސްވެފައިވާ ޤައުމަށެވެ. އެ ގޮތުން އެ ޤައުމުގައި 3.13 މިލިޔަން މީހުންނަށް ބަލިޖެހި 82،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އިންޑޮނޭޝިޔާގެ ޞިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ އެ ޤައުމުގައި ބަލިޖެހިގެން މަރުވާ މީހުންގެ ޢަދަދު ފާއިތުވި ދުވަސްތަކުގައި ރެކޯޑު ޢަދަދަކަށް އިތުރުވެފައިވަނީ ހަސްފަތާލުތައް ފުރުމުގެ ސަބަބުން ޞިއްޙީ އެހީތެރިންނަށް ބާރުބޮޑުވެ ބަލިޖެހިފައިވާ މީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ނުދެވުމުންނެވެ. ޚާއްޞަކޮށް އައިސީޔޫތައް ފުރުމުގެ އިތުރުން އޮކްސިޖަން ލިބުމުގައި ދަތިތަކަކާ ކުރިމަތިލާންޖެހުމުން ގިނަ ޢަދަދެއްގެ މީހުންނަށް ބޭނުންވާ ފަރުވާ ނުދެވި މަރުވެފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

270 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑޮނޭޝިޔާގައި ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފައިވަނީ 7 އިންސައްތަ މީހުންނެވެ. އެ ޤައުމުގައި އެންމެ ގިނައިން ދީފައިވަނީ ޗައިނާގައި އުފައްދާފައިވާ ވެކްސިނެއްކަމަށްވާ ސިނޮވެކެވެ.