ޚަބަރު

ހަމަލާގައި ބައިވެރިވި އިތުރު 6 މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފި


މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ހައްޔަރުކުރި އިތުރު 6 މީހެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފިއެވެ.

މޭއި މަހުގެ ހަވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންނާއި، ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުން ހިމެނޭ ގޮތަށް ފުލުހުން ވަނީ، އިތުރު 6 މީހެއްގެ ވަނަވަރު އާންމުކޮށްފައެވެ.

އެގޮތުން ފުލުހުން އެންމެ ފަހުން ވަނަވަރު އާއްމުކޮށްފައިވާ މީހުންނަކީ
ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް،
ކ. މާލެ، ކުދެހިގެ، އިސްހާގު
ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ
އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު
ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަމަލާ ދިނުމަށް ރާވާ ހިންގުމުގައި އެންމެ އިސްދައުރެއް އަދާކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤްއާއި އަލީ ހައިޝަމްކަމަށެވެ.

މިމީހުންގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާއަށް މިހާރު ފޮނުވާފައިވަކަމަށާއި މީގެ ބޭނުމަކީ ތަޙްޤީގުގައި ކުރަންޖެހޭ އިތުރު އެއްވެސް ކަމެއް އޮތްތޯ ބެލުމަށް ޕީޖީ އޮފީހާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުންކަމަށް ސީޕީ ވިދާޅުވިއެވެ. ދެން މި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލީ ހައިޝަމްއަކީ ގޮއްވާލެވުނު ސައިކަލުގައި ބޮން ހަރުކުރުމުގައި އަމަލީ ގޮތުން ބައިވެރިވި ފަރާތްކަމަށާއި އަދި އިސްހާޤަކީ މި ހަމަލާ ރާވާ ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވޭ. އަދި އި ހަމަލާއަށް އަދުހަމް ރަޝީދު ތައްޔާރުކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީވެސް އިސްޙާގުކަމަށް ފުލުހުން ވިދާޅުވޭ.

މި މައްސަލައިގައި ހައްޔަރުކުރި ފަހުމީ އަލީއާއި މުޙައްމަދު ނާޒިމް އަކީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން އެކި ދައުރުއަދާކޮށްފައިވާ މީހުންނެވެ. އަދި އަބްދުﷲ އަލިމަނިކަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެކެވެ. އެގޮތުން މިހަމާލާ ދިން އަދުހަމް އަހްމަދު ރަޝީދު ފިލުވުމުގަޔާއި ހެކި ނައްތާލުމުގައި އަމަލީ ގޮތުން އަބްދުﷲ އަލިމަނިކު ބައިވެރިވިކަމަށް ތަޙްޤީގަށް އެނގިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މުޙައްމަދު ތަސްލީމްއަކީ ރައީސް ނަޝީދަކީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާ މީހެއްކަމަށް ކަނޑައަޅައި ރައީސް ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް ބުނެ އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް އެމީހުން ވައްދައި، ސެލްއެއްގެ ގޮތުގައި އޮޕަރޭޓްކުރަންވީ ގޮތް ކިޔާދީ އެކަމާ ބެހޭ ވީޑިއޯއާއި ފޮތްތައް މީހުންނަށް ދީފައިވާ މީހެއްކަމަށް މިހާތަނަށް ތަޙްޤީގަށް އެނގިފައިވާކަމަށްވެސް ފުލުން ވިދާޅުވެއެވެ. މިމައްސަލައިގައި މި 6 މީހުންގެ އިތުރުން ދެން ހައްޔަރުކޮށްފައިވަނީ، ވ.ތިނަދޫ ހިޔާ އުމުރުން 26 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދުއާއި މއ.ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާ އުމުރުން 32 އަހަރުގެ ތަޙްމީން އަޙްމަދާއި ލ.ގަން ދުންފިނިއުފާ އުމުރުން 23 އަހަރުގެ އަޙްމަދު ފާތިޙްއެވެ.