ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މެއި މަހުގެ 6 ވަނަ ދުވަހު ދިން ހަމަލާގައި މިހާތަނަށް ހައްޔަރުކޮށްފައިވާ ބައެއް މީހުން ދައުލަތާއެކު އިޢުތިރާފްގެ އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް ހުސެން ޝަމީމް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދަށް ދިން ހަމާލާގެ މަޢުލޫމާތު އާއްމުކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ އިޢުތިރާފްގެ އެއްބަސްވުން ހެދުމަށް ވާހަކަދައްކަމުން ދިޔަނަމަވެސް މިހާތަނަށް ވަކި ގޮތެއް ނިންމާފައިނުވާކަމަށެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރަން އަންނަ މަހުގެ ކުރީކޮޅު ފޮނުވާނެ ކަމަށެވެ. އެކަމަށް 15 ދުވަހުގެ މުއްދަތެއް އޮތްކަން ފާހަގަކުރައްވާ ޝަމީމް ވިދާޅުވީ އެ މީހުންގެ މައުލޫމާތު ދިރާސާ ކުރަމުންދާކަމަށެވެ. ޝަމީމް ވިދާޅުވީ މިހަމަލާގެ ތަހުގީގަށް ބަންދުގައި ތިބި ބައެއް މީހުން ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނިންމާފައި ނުވާކަމަށެވެ. މިގޮތުން 2 މީހަކު އިއުތިރާފް އެއްބަސްވުން ހެދުމަށް ހުށަހަޅާފައިވާކަމަށް ޕީޖީ ވިދާޅުވިއެވެ.
އިޢުތިރާފްގެ އެއްބަސްވުން ހުށައަޅަމުން އަންނައިރު އެފަދަ އެއްބަސްވުމެއް ހެދޭނެ މަރުހަލާ އެއް އޮންނަކަމަށާއި ދައުލަތާއެކު އެއްބަސްވުން ހެދުމުން ތުހުމަތުވާ މީހާއަށް ލިބޭ ލުއިތަކެއްވެސް ހުންނަކަމަށް ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދިރާސާ ކުރަމުން މި ގެންދަނީ އިއުތިރާފުވާން އެއްބަސްވާ މީހުންގެ ފަރާތުން ލިބޭނީ ކޮންކޮން މައުލޫމާތެއްތޯ ލިބެނީ. އަދި އެ ލިބޭ މައުލޫމާތުތަކުގެ އަލީގައި އަޅުގަނޑުމެންނަށް ރަނގަޅަށް މި މައްސަލައިގެ އަސްލު ހޯދަން ކިހާވަރެއްގެ އެހީތެރިކަމެއްތޯ ލިބޭނީ. މިކަންކަމަށް ބަލާފައި ގޮތް ނިންމާނީ" ޕްރޮސެކިއުޓަރ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އަންނަމަހުގެ 4 ވަނަ ދުވަހުގެ ކުރިން މި މައްސަލައިގެ ލިއުންތައް ކޯޓަށް ހުށައަޅަންޖެހޭ ކަމަށާއި އެ ލިއުންތައް ކޯޓަށް ހުށައަޅާތާ 5 ދުވަހުގެ ތެރޭގައި ދައުވާ ލިބޭ މީހުންނަށް ދޭންޖެހޭކަމަށެވެ. އަދި އުއްމީދަކީ 3 މަހެއްހާ ދުވަހުގެ ތެރޭގައި ޝަރީއަތްތައް ނިންމާލުންކަމަށެވެ.
ޝަމީޟް ވަނީ މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ މައްސަލަ ތަޙްގީގުކުރަމުންގެންދާކަން ފާހަގަކުރައްވާ މިހަރަށްވުރެ ބޮޑަށް އެ މަސައްކަތްކޮށް އެ މީހުންގެ މައްސަލަތައް ވަރަށް އަވަހަށް ކޯޓަށް ހުށައެޅޭނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.