ވިޔަފާރި

އިންޑޮނޭޝިޔާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކެމްޕެއިނެއް ފަށައިފި


އިންޑޮނޭޝިއާ މާކެޓްގައި ރާއްޖޭގެ މަގްބޫލުކަން އިތުރުކޮށް، ރާއްޖެއަކީ އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ލެގްރޭޓް މީޑިއާއާއެކު ކެމްޕެއިނެއް ފަށައިފިއެވެ.

އެއް މަސް ދުވަހަށް ކުރިއަށްގެންދާ މި ކެމްޕެއިންގައި ގޫގްލް އަދި ޔޫޓިއުބް އެޑްސް މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލެގްރޭޓްއަކީ، ކްރިއޭޓިވް ބްރޭންޑް ކޮމިއުނިކޭޝަން އަދި ޕްރޮމޯޝަންއަށް ހާއްސަ މީޑިޔާއެކެވެ. މި ކެމްޕެއިންގެ ދަށުން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ޖަޒީރާ ވަންތަކަން ވީޑިއޯ އިޝްތިހާރުތައް މެދުވެރިކޮށް ދައްކާލާނެކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ. އަދި ރާއްޖޭގެ ޓުއަރިޒަމް ޕްރޮޑަކްޓްސް ކަމުގައިވާ ރިސޯޓްތަކާއި، ގެސްޓްހައުސް، ލިވަބޯޑްސް އަދި ހޮޓެލްތަކުން ލިބޭ ހާއްސަ ތަޖުރިބާތައް ގޫގްލް ޑިސްކަވަރީ މެދުވެރިކޮށް ގޫގްލް އެޕްގެ އެޑްސްގެ ޒަރިއްޔާއިން އިޝްތިހާރުކުރާނެއެވެ.

ދެ މިލިއަނަށްވުރެ ގިނަ ވެބްސައިޓް އަދި ވީޑިއޯ ހިމެނޭ ގޫގުލް ޑިސްޕްލޭ ނެޓްވޯކްގައިވެސް ރާއްޖޭގެ އިޝްތިހާރުތައް ހިމެނޭނެއެވެ. މި އިޝްތިހާރުތައް އެކި ޓާގެޓް ގްރޫޕްތަކާއި، އެކި ވެބްސައިޓް އަދި ބޮލޮގްތަކަށް ރީ-ޑައިރެކްޓްވާނެއެވެ.

އެމްއެމްޕީއާރުސީގެ އަމާޒަކީ މި މާކެޓްގައި ރާއްޖެ އިޝްތިހާރުކޮށް ރާއްޖެއަކީ މަގުބޫލު މަންޒިލަކަށް ހެދުމެވެ. އިންޑޮނޭޝިއާއާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުކުރެވޭ ފްލައިޓްތައް ހުރުމުގެ އިތުރުން ކައިރި ސަރަހައްދެއްގައި އޮންނަ ގައުމަކަށް ވުމުން، އިންޑޮނޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ އެހެން ގައުމުތައް ރާއްޖެއިން އެ މާކެޓެއްގައި މަގުބޫލުކަން ދެމެހެއްޓުމަކީ މި ސަރަހައްދު ދަތުރުތަކަށް ހުޅުވާލާއިރު އެމްއެމްޕީއާރުސީގެ ބޮޑު އަމާޒެކެވެ.

ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު ވަނީ އިތުރުވެފައެވެ. މިިސަރަހައްދުން އިތުރު ފްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމުން ފަތުރުވެރިން ޒިޔާރަތްކުރުން ވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު މިސަރަހައްދުން 87636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެ ވަނީ ޒިޔާރަތްކޮށްފައެވެ. ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމަށް ހުރި ހުރަސްތަކާއިއެކުވެސް އެމްއެމްޕީއާރުސީން ދަނީ ރާއްޖެ، ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަގްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ.