ޚަބަރު

މަޑަގަސްކާގެ ރައީސް އަވަހާރަކޮށްލަން އުޅުނު ފަރަންސޭސި ރައްޔިތެއް ހައްޔަރުކޮށްފި


މަޑަކާސްގެ ރައީސް އަންދުރޭ ރާޒުއެއްލާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުޙްމަތުގައި ފަރަންސޭސިވިލާތުގެ ރައްޔިތެއް ހައްޔަރުކޮށްފިއެވެ.

މަޑަގަސްކާގެ ޢާންމު ސަލާމަތާބެހޭ ވުޒާރާއިން ބުނީ އެ ޤައުމުގެ ރައީސް އަވަހާރަކޮށްލަން އުޅުމުގެ ތުޙްމަތުގައި ހައްޔަރުކޮށްފައިވާ 6 މީހުންގެ ތެރެއިން އެކަކީ ފަރަންސޭސިވިލާތުގެ ރައްޔިތެއްކަމަށާއި އިތުރު ދެ މީހުންގެ އަތުގައި ފަރަންސޭސިވިލާތާއި މަޑަގަސްކާގެ ޕާސްޕޯޓު އޮތްކަމަށެވެ. އަނެއް ތިން މީހުންގެ އަތުގައި އޮތީ މަޑަގަސްކާގެ ޕާސްޕޯޓެއްކަމަށްވެސް އެ ވުޒާރާއިންވަނީ ބުނެފައެވެ. އަދި އެ މީހުން ހައްޔަރުކޮށްފައިވަނީ މަސްދުވަހަށް ދިގުދެމިގެންދިޔަ ތަޙްޤީޤަކަށްފަހުކަމަށާއި ހައްޔަރުކޮށްފައިވާ 6 މީހުންގެ ތެރެއިން 2 މީހުން ފަރަންސޭސިވިލާތުގެ އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި މަޑަގަސްކާވަނީ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވެއްޓިފައެވެ. އެ ގޮތުން 2019ވަނަ އަހަރުގެ ތެރޭގައި ރާޒުއެއްލާ ވެރިކަމަށް ވަޑައިގެންފައިވަނީވެސް ބޮޑެތި ސިޔާސީ ދެބަސްވުންތަކެއްގެ ތެރެއިންނެވެ.