ޚަބަރު

10 އަހަރު ފަހުން ޝީ ޓިބެޓަށް ވަޑައިގެންފި


ޗައިނާގެ ރައީސް ޝީ ޖިންޕިން ވެރިކަމާ ޙަވާލުވެވަޑައިގެންފަހުން ފުރަތަމަ ފަހަރަށް ޓިބެޓަށް ވަޑައިގެންފިއެވެ.

ޗައިނާގެ ސަރުކާރުން ހިންގާ ޝިންހުއާ ނޫސް އިދާރާއިން ބުނެފައިވާ ގޮތުގައި ޓިބެޓަށް ޝީ ވަޑައިގެންފައިވަނީ ޖުލައި މަހުގެ 21 އަދި 22ވަނަ ދުވަހުއެވެ. އެ ގޮތުން ޝީ އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ޗައިނާގެ އިރުދެކުނުގައި އޮންނަ ނިންޗީއަށެވެ. އޭގެ ފަހުން ރޭލެއްގައި ޝީވަނީ ޓިބެޓުގެ ވެރިރަށްކަމަށްވާ ޅާސާއަށް ވަޑައިގެންފައެވެ. ޅާސާގައި ޝީވަނީ ޓިބެޓުގެ ރޫޙާނީ ވެރިޔާ ދަލައި ލާމާއާ ބައްދަލުކުރައްވައިފައެވެ. ނަމަވެސް ދެ ބޭފުޅުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާގެ ތަފްޞީލެއް ޢާންމުކޮށްފައެއް ނުވެއެވެ.

ޓިބެޓަށް ޝީ އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރައްވާފައިވަނީ 2011ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އޭނާ ހުންނެވީ ޗައިނާގެ ނައިބު ރައީސްގެ މަޤާމުގައެވެ. ޗައިނާގެ ރައީސްގެ މަޤާމާ އޭނާ ޙަވާލުވެވަޑައިގެންފައިވަނީ 2012ވަނަ އަހަރުއެވެ.

ޓިބެޓު އޮންނަނީ ޗައިނާއާއި އިންޑިޔާއާ ގުޅޭ ސަރަޙައްދީ ރޮނގުގައެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ ޓިބެޓަކީ ޗައިނާގެ ސަރަޙައްދެއްގެ ގޮތުގައި ބަލައިގެންފައެވެ. ނަމަވެސް އެކި ފަހަރުގެ މަތިން ޓިބެޓުގެ ރައްޔިތުންވަނީ މިނިވަންކަން އިޢުލާންކުރުމަށް މަސައްކަތްކޮށްފައެވެ.