ޚަބަރު

ކަކޫ މައްޗަށް ތިރިވާ، ފޮޓޯ ދެއްކުން މަނާ ކޮށްފި


ނަސްލީ ތަފާތު ކުރުމާއި ދެކޮޅު ހެދުމުގެ ގޮތުން އެތުލީޓުން ކަކޫ މައްޗަށް ތިރިވާ، ފޮޓޯ ދެއްކުން އޮލިމްޕިކްސްގެ ސޯޝަލް މީޑިއާ ޓީމަށް މަނާ ކޮށްފިއެވެ.

ނަސްލީ ތަފާތު ކުރުމާއި އޮންލައިންކޮށް އުފައްދާ ނަފުރަތާ ދެކޮޅަށް ޝުއޫރުފާޅު ކުރުމުގެ ގޮތުން އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުގައި ގްރޭޓް ބްރިޓަންގެ އަންހެން ޓީމުން ވަނީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ކަކޫ މައްޗަށް ތިރި ވެފައެވެ. ބްރިޓަންގެ ޓީމު ތިރިވުމުން ޗިލީގެ ޓީމުން ވެސް އެގޮތަށް އަމަލު ކުރިއެވެ. އޭގެ ފަހުން ކުޅުނު މެޗުތަކުގައި އެމެރިކާގެ ޓީމާއި ސްވިޑްން އާއި ނިއުޒިލޭންޑްގެ ކުޅުންތެރިން ވެސް ވަނީ އެގޮތަށް ކަންތައް ކޮށްފައެވެ.

އިންޓަރނޭޝަނަލް އޮލިމްޕިކް ކައުންސިލް އާއި ޓޯކިޔޯ އޮލިމްޕިކްސްގެ އޮގަނައިޒިން ޓީމުން ވަނީ، އެގޮތަށް އެއްބަސްވެ ކަކޫމައްޗަށް ތިރިވާ ފޮޓޯ ނުދެއްކުމަށް ސޯޝަލް މީޑިއާ ޓީމަށް އަންގާފައެވެ. ޓޯކިޔޯ އޮލިމްޕިކްސްގެ އޮފިޝަލް ލައިވް ބްލޮގުން ވެސް އަދި ޓޯކިޔޯ އޮލިމްޕިކްސްގެ ސޯޝަލް މީޑިއާގެ އެއްވެސް އެކައުންޓަކުން އެ މަންޒަރު ދައްކާފައެއް ނުވެއެވެ.