ޚަބަރު

މިޔަންމާގެ ގިނަ ޢަދަދެއްގެ ޑޮކްޓަރުން ޙައްޔަރުކޮށްފި


މިޔަންމާގެ ބާޣީ ސަރުކާރާ ދެކޮޅު ގިނަ ޢަދަދެއްގެ ޑޮކްޓަރުން އެ ޤައުމުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފިއެވެ.

މިޔަންމާގެ އިސްވެރިޔާ އަން ސަން ސޫ ކީގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ބަޣާވާތްކުރުމަށްފަހު ސޫ ކީއާއި އެނާގެ ސަރުކާރަށް ނިޞްބަތްވާ އިސްވެރިން ހައްޔަރު ކުރީ ފެބުރުއަރީ މަހުގެ 1ވަނަ ދުވަހުއެވެ. އެއަށްފަހު އަސްކަރިއްޔާއިންވަނީ އެ ޤައުމުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. އަސްކަރިއްޔާއިން ކުރި ބަޣާވާތް ނިމުމަކަށް ގެނެސް ސޫ ކީ މިނިވަންކުރުމަށް ގޮވާލައި މިޔަންމާގެ ގިނަ ޢަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ.

ސިޔާސީ ހަލަބޮލިކަމުގެ އިތުރުން މިޔަންމާގައި ހަލުވިކަމާއެކު ދަނީ ކޯވިޑް-19 ފެތުރެމުންނެވެ. އެ ގޮތުން ފާއިތުވި ދުވަސްތަކުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި ހަސްފަތާލުތައް ފުރި ގިނަ ޢަދަދެއްގެ ބަޔަކުވަނީ މަރުވެފައެވެ. އަދި މަރުވާ މީހުންގެ ޢަދަދު ގިނަވެ އެ މީހުންގެ ޖަނާޒާތައް ކުރިޔަށްގެންދިޔުމަށްވެސްވަނީ އުނދަގޫވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 6،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 286 މީހުންވަނީ މަރުވެފައެވެ.

ކޯވިޑް-19ގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި މިޔަންމާގެ ބާޣީ ސަރުކާރުންވަނީ ގިނަ ޢަދަދެއް ޑޮކްޓަރުން ހައްޔަރުކޮށްފައެވެ. އެސިސްޓެންސް އެސޯސިޔޭޝަން ފޮރ ޕޮލިޓިކަލް ޕުރިޒަނާސުން ބުނީ މިޔަންމާގެ ސަރުކާރާ ދެކޮޅު ޝުޢޫރުތައް ފައުޅުކުރި 73 ޑޮކްޓަރުން ހައްޔަރުކޮށްފައިވާކަމަށެވެ. އެ ކަމުގެ ސަބަބުން ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގައި އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ. އަދި ހައްޔަރުކޮށްފައިވާ ޑޮކްޓަރުންނަށް ބޮޑެތި އަދަބުތަކާއި ޖޫރިމަނާދީފައިވާކަމަށް އެ ޖަމުޢިއްޔާއިންވަނީ ބުނެފައެވެ.

ސިޔާސީ އަދި ޚާރިޖީ ތަޖުރިބާކާރުން ބުނާ ގޮތުގައި މިޔަންމާގެ އަސްކަރީވެރިކަމުންވަނީ ކޯވިޑް-19 ސިޔާސީ ހަތިޔާރަކަށް ހަދައިފައެވެ.