އިންޑިއާއިން އަންނަ މުދާ ރާއްޖެއައުމުގެ ކުރިން އޭގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ އެއްބަސްވުމެއް ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމުކޮށްފިއެވެ.
މިއެއްބަސްވުމާއެކު އިންޑިއާއިން ރާއްޖެ އެތެރެވާ މުދާ ކަސްޓްމްސްއިން ކްލިއަރކުރުން އަވަސްވެގެންދާނެކަމަށް މޯލްޑިވްސް ކަސްޓްމްސްއިން ވިދާޅުވެއެވެ.
އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ މުދާ ރާއްޖޭގެ ބަނދަރަށް އައުމުގެ ކުރިން ކާގޯއާއި ގުޅޭ މަޢުލޫމާތު ރާއްޖެއަށް ފޯރުކޮށްދިނުމާއި ގުޅޭ އެއްބަސްވުން އެކުލަވާލާފައިވަނީ މޯލްޑިވްސް ކަސްޓަމްސްއާއި އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސެސް އެންޑް ކަސްޓަމްސްއާއި ދެމެދުގައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފްއެވެ. އަދި އިންޑިއާގެ ސީބީއައިސީގެ ފަރާތުން ސޮއިކުރެއްވީ އެއިދާރާގެ ޗެއަމަން އެމް.އަޖިތް ކުމާރްއެވެ.
Customs signs MOU with @cbic_india to exchange pre-arrival cargo data. This will facilitate faster clearance of goods & further strengthen Customs Control.
— Maldives Customs (@CustomsMv) July 22, 2021
This initiative will add value in facilitating trade & exercising effective control through risk management.@presidencymv pic.twitter.com/X2r3TN41yT
އިންޑިއާއާއި ރާއްޖެއާ ދެމެދު މިވެވުނު އެއްބަސްވުމާއެކު އިންޑިއާއިން ރާއްޖެއަށް އެތެރެވާ މުދާ ކަސްޓަމުން ކްލިއަރކުރުމަށް މިހާރު ނަގާ ވަގުތު ކުޑަ ކުރެވޭނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ. ވަގުތު ސަލާމަތްވުމުގެ އިތުރަށް މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެއެވެ.
އިންޑިއާގެ ކަސްޓަމްސްއިން ހާމަކުރައްވާ ގޮތުގައި އެޤައުމުން ކަސްޓަމްސް ކްލިއަރކޮށް މުދާ އިމްޕޯޓްކުރުމާއި އެކްސްޕޯޓުކުރުމުގައި މިހާރު އަންނަނީ ޑިޖިޓަލް ވަޞީލަތްތައް ބޭނުންކުރަމުންނެވެ. މީގެ ސަބަބުން މުޢާމަލާތު ކުރުމުގައި ކަރުދާސް ބޭނުން ކުރާ މިންވަރު މަދުވާނެއެވެ. އަދި މަސައްކަތުގެ ސްޕީޑު އެތައް ގޮތަކުން ހަލުވި ޚިދުމަތް ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށް ސީބީއައިސީން ވިދާޅުވެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު ޤާއިމުކުރެވުނު މިއެއްބަސްވުމާއެކު ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ހަރުދަނާވާނެކަމަށް ކަސްޓަމްސް އަދި ސީބީއައިސީން ވިދާޅުވެއެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ސީދާ މަންފާ ރައްޔިތުންނަށް ލިބޭނެކަމަށް ކަސްޓަމްސްއިން ފާހަގަކުރައްވައެވެ.
އިންޑިއާއަކީ އެންމެ ގިނައިން ރާއްޖެއަށް ބޭނުންވާ މުދާ އެތެރެކުރާ އެއް ޤައުމެވެ. މިދިޔަ އަހަރުން ފެށިގެން އިންޑިއާއި ރާއްޖެއާ ދެމެދުވަނީ ސީދާ ކާގޯ ފެރީގެ ޚިދުމަތްވެސް ފަށާފައެވެ. ދިވެހިންގެ ބޮޑުތަރުހީބެއް މިކަމަށް އޮންނައިރު އިންޑިއާއިން ގިނަ މުދާ އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި އަންނަނީ ވިއްކަމުންނެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ބެނުންވާ ކާޑާއި އެނޫންވެސް ޒަރޫރީ މުދާ އެތެރެކުރުމުގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް އަންނަނީ ލިބެމުންނެވެ.