ޚަބަރު

އަފްޣާނިސްތާނުގެ %50 އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައި: އެމެރިކާ


އަފްޣާނިސްތާނުގެ 50 އިންސައްތަ ސަރަޙައްދުތައް އޮތީ ޠާލިބާން ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޮއިންޓު ޗީފްސް އޮފް ސުޓާފުގެ ޗެއާމަން ޖެނެރަލް މާކު މިލީ ވިދާޅުވީ އަފްޣާނިސްތާނުގައި ޠާލިބާނުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާކަމަށެވެ. އެ ގޮތުން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ބޭރުގެ ފައުޖުތައް އެ ޤައުމުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާނުންގެ ޙަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށް ވަރުގަދަކޮށްފައިވާކަމަށާއި މުހިންމު ސަރަޙައްދީ ރޮނގުތައްވެސް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައިކަމަށް ޖެނެރަލް މިލީ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނުގެ 419 ޑިސްޓުރިކްޓުގެ ތެރެއިން 200 ޑިސްޓުރިކްޓު އޮތީ ޠާލިބާނުންގެ ބާރުގެ ދަށުގައިކަމަށް އޭނާ ވިދާޅުވިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް ފަށައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުވެސްވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ޙަވާލުކޮށްފައެވެ. އެއީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ގެއްލުންބޮޑު އަދި ދިގު ހަނގުރާމައިގައި ބޭނުންކުރި އަސްކަރީ މައި މަރުކަޒުވެސްމެއެވެ. އަފްޣާނިސްތާނުގައި އެމެރިކާގެ ސިފައިން މިހާރު ޙަރަކާތްތެރިވަނީ ވެރިރަށް ކާބުލްގެ އިތުރުން އެ ޤައުމުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތުގައި އެކަންޏެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.