ޚަބަރު

އިތުރު 144 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވް، ބަލިން ރަނގަޅުވީ 191 މީހުން


ރަށްރަށުން ޕޮޒިޓިވްވި 72 މީހަކު ހިމެނޭހެން އިތުރު 144 މީހުން މިއަދު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 191 މީހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 144 މީހުންނެވެ. މީގެތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 36 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 72 މީހަކު ހިމެނެއެވެ. އަދި ރިސޯޓްތަކުން 36 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 76،332އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް މާބޮޑަށް އިތުރުނުވެ ވަނީ ހިފެހެއްޓިފައެވެ. ނަމަވެސް އަތޮޅުތަކުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ބައެއް ދުވަސްތަކުގައި އިތުރުވާކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުންދައްކައެވެ.

ކޯވިޑަށް މިވަގުތު ފަރުވާ ހޯދާމީހުންގެ ޢަދަދު 2500އަށްވުރެ ދަށަށް ދިއުމަށްފަހު މިހަފްތާތެރޭގައި މިވަނީ ކޮންމެވެސް ވަރަކަށް އިތުރުވެފައެވެ. އެގޮތުން މިހާރު ޖުމްލަ 2،571 މީހުން އަންނަނީ ބަލީގައި ފަރުވާ ހޯދަމުންނެވެ. މީގެ ތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 191 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،531އަށް އަރާފައެވެ. 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6138 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 218 މީހުން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 199 ދިވެހިންނާއި 19 ބިދޭސީންނެވެ.