ޚަބަރު

ދެކުނު އެފްރިކާގައި ފައިޒަރ ވެކްސިން ބަންދުކުރަނީ


ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރުމަށް ފައިޒަރ އަދި ބަޔޮންޓެކުން އުފައްދާފައިވާ ވެކްސިން ދެކުނު އެފްރިކާގައި ބަންދުކުރުމަށް ނިންމައިފިއެވެ.

ފައިޒަރ އަދި ބަޔޮންޓެކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ކުންފުނިން އުފައްދާފައިވާ ވެކްސިން ދެކުނު އެފްރިކާގައި ބަންދުކުރުމަށް ޙަވާލުކޮށްފައިވަނީ ކޭޕު ޓައުންގައި މަރުކަޒުވެފައިވާ ބަޔޯވެކުންކަމަށެވެ. އަދި އެ ކުންފުނިން ބަންދުކުރާ ޑޯޒުތައް ބޭނުންކުރަނީ އެފްރިކާ ބައްރުގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށްކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ފައިޒަރ އަދި ބަޔޮންޓެކުގެ ޚާއްޞަ ޙުއްދައަކާއެކު ދެކުނު އެފްރިކާގައި ޑޯޒުތައް ބަންދުކުރުމަށް ބޭނުންވާ ސާމާނު ފޮނުވުމަށް ހަމަޖެހިފައިވަނީ ވިލާތުންނެވެ. އަދި ދެކުނު އެފްރިކާގައި ބަންދުކުރާ ޑޯޒުތައް އެފްރިކާގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ތެރޭގައި ބޭނުންކުރެވޭނެކަމަށްވަނީ ލަފާކޮށްފައެވެ. އެ ގޮތުން ފައިޒަރ އަދި ބަޔޮންޓެކުން އަމާޒުކޮށްފައިވަނީ ދެކުނު އެފްރިކާގައި އަހަރަކު 100 މިލިޔަން ޑޯޒު ބަންދުކުރުމަށެވެ.

ފައިޒަރ އަދި ބަޔޮންޓެކުގެ ޚާއްޞަ ޙުއްދައަކާއެކު ދެކުނު އެފްރިކާގައި ޑޯޒުތައް ބަންދުކުރުމަށް ނިންމާފައިވަނީ ހަމަހަމަކަމާއެކު ޤައުމުތަކަށް ވެކްސިން ނުލިބޭކަމަށް ބުނެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ކަންބޮޑުވުން ފައުޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ ގޮތުން އެފްރިކާގެ ޤައުމުތަކުގައި ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ އެންމެ 1.5 އިންސައްތަ މީހުންނެވެ. އެއާ ޚިލާފަށް ވިލާތުގެ ޤައުމުތަކުގައި 43.7 އިންސައްތަ އަދި އެމެރިކާގައި ގާތްގަނޑަކަށް 50 އިންސައްތަ މީހުންވަނީ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައެވެ.