ޚަބަރު

ރައީސް ނަޝީދަށް ދިން ޙަމަލާއާ ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި


މޭއި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޙަމަލާގައި ތުހުމަތު ކުރެވޭ 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިމައްސަލައާ ގުޅޭ 4 މީހެއްގެ ތަޙްޤީގު ފުލުހުން ނިންމާ ދަޢުވާކޮށްދިނުމަށް ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ދަޢުވާ ކުރަން ފޮނުވާފައިވަނީ މިހަމަލާގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތުވާ އަހުމަދު އަދުހަމް، އާއި މުޖާޒް އަހްމަދު އާއި ތަހުމީން އަހްމަދު އާއި އަހުމަދު ފާތިހު، މައްޗަށެވެ. ދަޢުވާއާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ޤާނޫނުގައިވާ ގޮތުން 15 ދުވަސް ލިބޭ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

މިމީހުންގެ ތަޙްޤީގު ނިންމާ ޕީޖީއަށް ފޮނުވާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސްވަނީ ވިދާޅުވެފައެވެ.

މޭއިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދު ދިރިއުޅުއްވާ ގ.ކެނެރީގެއިން ނިކުމެވަޑައިގެން ހިންގަވާފައި މަޖީދީމަގުގައި ޕާކުކޮށްފައި އޮތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ބޮމެއް ގޮއްވާލައިގެން ދިން ޙަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. ޙަމަލާއަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ ތެރޭގައި ގިނަ އޮޕަރެޝަންތަކެއް ކުރެއްވުމަށްފަހު ޙާލުކޮޅު ރަނގަޅުވަމުން އައިނަމަވެސް އިތުރަށް ފަރުވާ ހޯއްދެވުމަށް މޭއި މަހުގެ 13 ވަނަ ދުވަހު ރައީސް ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގަންނަވާފައެވެ. އެގޮތުން ޖަރުމަންވިލާތުގެ ބަރލިންގ ބުންޑެސްވެއަރ ހޮސްޕިޓަލުގައި އެމަނިކުފާނު ވަނީ ފަރުވާ ހޯއްދަވާފައެވެ. އެހޮސްޕިޓަލުގައި ފަރުވާގައި ޙަރަކާތްތެރިވެވަޑައިގަތް ޑޮކްޓަރުންގެ ޓީމުގެ ލަފާގެ މަތިން އިތުރު ފަރުވާއަށް މިހާރު އެމަނިކުފާނުވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވަނީ އިންކުއަރީއެއް ހަދާ އެއިންކުއަރީއާ ގުޅޭ ރިޕޯޓް އެކުލަވާލާފައެވެ. އަދި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތަށް ފަރާވެރިވުމަށް އެމްޑީޕީން "މެއި ހައެއް"ގެ ނަމުގައި ކޮމިޓީއެއް އުފައްދާ އެކޮމިޓީންވެސް އަންނަނީ ކަމާ ގުޅުންހުރި ފަރާތްތަކާ ބައްދަލުކުރަމުންނެވެ.