ގަޑިއެއްހާ އިރުގެ މެދުކެނޑުމަކަށްފަހު މުޅި މާލެއަށް މިހާރުވަނީ ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ. ކަރަންޓްގެ ޚިދުމަތް ކެނޑުނީ ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ސްޓެކްލޯއިން މަޢުލޫމާތުދެއެވެ.
ގްރޭޓަރ މާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަރޖައިޒް ކުރުމުގެ މަސައްކަތް މިއަދު ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކުރިޔަށްދާއިރު، މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ކުރިންވަނީ ބުނެފައެވެ.
މި މަސައްކަތުގެ ފަހު ދުވަސްކަމުގައިވާ މާދަމާ ކުރިޔަށްދާނީ ހުޅުލޭގެ ސަބްސްޓޭޝަން އެނަރޖައިޒްކުރުމުގެ މަސައްކަތެވެ.
ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަނަކީ މާލެއާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީ ގެ 7 ކިލޯމީޓަރުގެ ދެ ސާރކިޓްއިން ގުޅާލެވޭ މަޝްރޫޢެކެވެ. އަދި މި މަޝްރޫޢުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ޖުމްލަ 4 ޓްރާންސްފޯމަރާއި، އަދި ހުޅުލޭގައި 8 އެމްވީއޭގެ 2 ޓްރާންސްފޯމަރު ވަނީ ބަހައްޓާފައެވެ. މި ކަރަންޓު ވިއުގައިން ކޮންމެ ސާރކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިގެންވެއެވެ.
ގްރޭޓަރ މާލެ ސަރަޙައްދުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން މާލެއާއި ހުޅުމާލެއާއި ހުޅުލެއާ ކަރަންޓު އެއްވިއުގައަކުން ގުޅާލާނެއެވެ. އެއާއެކު މިތިން ސަރަޙައްދުގެ ތެރެއިން އެއްވެސް ސަރަޙައްދެއްގައި ކަރަންޓުގެ މައްސަލައެއް ދިމާވެ ކަރަންޓު ކެނޑޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަނެއް ސަރަޙައްދުގައި ބަހައްޓާފައިވާ ގްރިޑު މެދުވެރިކޮށް އެތަނަކަށް ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.
މިގޮތަށް ކަރަންޓު ދިނުމަށް ބޭނުންވާ މައި ކޭބަލް އަޅާފައިވަނީ ސިނަމާލޭ ބްރިޖު ދަށުންނެވެ. ޖުމްލަ 6 ކޭބަލް މެދުވެރިކޮށް މިތިން ސަރަޙައްދުގެ ކަރަންޓު ގުޅާލަން އަޅާފައިވާ އިންޓަރކަނެކްޝަން ކޭބަލަކީ 100 މެގަވޮޓްގެ ކަރަންޓު ފޯރުކޮށްދެވޭނެ ނެޓްވޯކް ކޭބަލެކެވެ.