ޚަބަރު

އިނގިރޭސިވިލާތުގެ މަނަވަރުތައް އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި މަރުކަޒުވަނީ


ދާޢިމީ ގޮތެއްގައި އިނގިރޭސިވިލާތުގެ މަނަވަރުތައް އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ބޭއްވުމަށް ނިންމައިފިއެވެ.

އަންނަ ސެޕުޓެންބަރު މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ 25 މަނަވަރު ޖަޕާނަށް ދަތުރުކުރުމަށްވަނީ ހަމަޖެހިފައެވެ. އެ މަނަވަރުތަކުގެ ތެރޭގައި ރާނީ އެލިޒަބެތުގެ ނަން ދީފައިވާ ބޮޑު މަނަވަރެއްވެސް ހިމެނެއެވެ. އެ މަނަވަރުތައް ޖަޕާނަށް ދަތުރުކުރާނީ ދެކުނު ޗައިނާ ކަނޑު ހުރަސްކޮށްފައެވެ. އެއީ މިލްކުވެރިކަމުގެ މައްސަލާގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ސަރަހައްދެކެވެ. އެ ގޮތުން ޗައިނާއިން ދަޢުވާކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ 80 އިންސައްތައަކީ އެ ޤައުމުގެ މިލްކެކެވެ. ނަމަވެސް އެ ސަރަޙައްދުގައި އޮންނަ އެހެން ބައެއް ޤައުމުތަކުން އެ ދަޢުވާއަށް ދެކޮޅު ހަދައެވެ. އަހަރަކު 3 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުދާ ދެކުނު ޗައިނާ ކަނޑުން ދަތުރުކުރެއެވެ. އޭގެ އިތުރުން އެއީ ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ސަރަޙައްދެކެވެ.

އިނގިރޭސިވިލާތާއި ޖަޕާނުގެ ދިފާޢީ ވުޒާރާއިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސިވިލާތުގެ މަނަވަރުތައް ޖަޕާނަށް ދިޔުމަށްފަހު އޭގެ ތެރެއިން 2 މަނަވަރެއް އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ދެ ޤައުމުން ބޭނުންވަނީ އެ ސަރަޙައްދުގެ ހަމަޖެހުން ޔަޤީންކުރުމަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމެރިކާގެ މަނަވަރުތަކާއި ސިފައިންނާއި ހަނގުރާމަތީ މަތިންދާބޯޓުތައް މިހާރުވެސް ޖަޕާނުގައި މަރުކަޒުވެގެން ޙަރަކާތްތެރިވެއެވެ. އަދި ފާއިތުވި އަހަރުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި ޖަޕާނުގެ ދިފާޢީ ގުޅުންތައްވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.