ޚަބަރު

ހައިޓީގެ ބޮޑުވަޒީރަކަށް އެރިއެލް ހެންރީ


ހައިޓީގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވައި އެރިއެލް ހެންރީ ކުރައްވައިފިއެވެ.

ހައިޓީގައި އައު ބޮޑުވަޒީރެއް ޢައްޔަންކޮށްފައިވަނީ އެ ޤައުމުގެ ރައީސް ޖޮވެނެލް މުއީސް އަވަހާރަކޮށްލުމުން އެ ޤައުމުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައެވެ. ޖުލައި މަހުގެ 7ވަނަ ދުވަހު މުއީސްގެ އަމިއްލަ ގެކޮޅަށް ހަތިޔާރުއެޅި ބަޔަކު ޙަމަލާދިނުމަށް އޭނާ އަވަހާރަކޮށްލުމުން ޤައުމު ހިންގަވާފައިވަނީ ވަޤުތީ ބޮޑުވަޒީރު ކުލޯޑު ޖޯސެފުގެ މޭސްތިރިކަމުގެ ދަށުންނެވެ. މުއީސް އަވަހާރަކޮށްލުމުގެ ދެ ދުވަސްކުރިން އޭނާވަނީ ބޮޑުވަޒީރުގެ މަޤާމަށް ހެންރީ ޢައްޔަންކުރައްވަން ނިންމަވައިފައެވެ. ނަމަވެސް މުއީސް އަވަހާރަކޮށްލުމުން ހައިޓީގައި އުފެދުނު ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑުވަޒީރުގެ މަޤާމާ ހެންރީ ޙަވާލުވެވަޑައިގަތުންވަނީ މަޑުޖެހިފައެވެ.

ހައިޓީގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހެންރީ ޢައްޔަންކުރުމަށް މަގުފަހިކުރުމަށް ޖޯސެފުވަނީ ޖުލައި 19ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާދެއްވައިފައެވެ. ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ޢުމުރުފުޅުން 71 އަހަރުގެ ހެންރީ ވިދާޅުވީ އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޤައުމަށް ހަމަޖެހުންގެންނަވަންކަމަށެވެ.

ހައިޓީގެ ހުދުމުހުތާރު ވެރިކަން 1986ވަނަ އަހަރުގެ ތެރޭގައި ވެއްޓުނުފަހުން އެ ޤައުމުގައި ސިޔާސީ ހަމަޖެހުން ޤާއިމުކުރެވިފައެއް ނުވެއެވެ. 11 މިލިޔަން މީހުންގެ އަބާދީއެއް އޮންނަ ހައިޓީއަކީ މެދުތެރޭ އެމެރިކާގެ އެންމެ ފަޤީރު ޤައުމެވެ. ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން 2010ވަނަ އަހަރު ހައިޓީއަށް ކުރިމަތިވި ބިންހެލުމުގެ ހާދިޘާއާއި 2016ވަނަ އަހަރު ކުރިމަތިލާން ޖެހުނު ތޫފާނުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އެ ޤައުމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ.