އެތުލެޓިކޯ މެޑުރިޑަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ހޯދުމަށް ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުން ސައުލް ބަދަލުވުން އެންމެ ގާތް ކުލަބަކީ ބާސެލޯނާއެވެ. ނަމަވެސް، އެ ޑީލުގެ ކަންކަން ހުއްޓިފައި އޮތުމުން، އިނގިރޭސި ދެ ކުލަބު ކަމަށްވާ ލިވަޕޫލާއި ޔުނައިޓެޑާއެކު ސައުލްގެ އޭޖެންޓް މަޝްވަރާކުރަމުން އަންނަ ކަމަށް ދާދި ފަހުން މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. މީގެ ކުރިންވެސް އިނގިރޭސި ކުލަބަކަށް ބަދަލުވާން ސައުލް ބޭނުންވާކަމަށް މީޑިއާގައި ރިޕޯޓުތައް ވަނީ ބުނެފައެވެ.
އޭރު އެތުލެޓިކޯއިން ސައުލް ވިއްކާލަން ނިންމި އަގު ބޮޑުވުމުން އެއްވެސް ކުލަބަކުން އޭނާ ހޯދުމަށް މަސައްކަތް ކޮށްފައެއް ނުވެއެވެ. ނަމަވެސް އެތުލެޓިކޯއިން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ސައުލް އެ ޓީމު ދޫކޮށްދާނެ ކަމަށް ބަލައި، އިޓަލީގެ އުދިނޭޒީއަށް ކުޅެމުން އައި އާޖެންޓީނާގެ މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލްގެ ސޮއި ހޯދާފައެވެ.
ލިވަޕޫލުން ސައުލްގެ ސޮއި ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ނެތްތަން ފޫބެއްދުމަށެވެ.