ޕޯޗުގަލްގެ މިޑުފީލްޑަރު ރެނާޓޯ ސަންޗޭސް ހޯދުމުގެ ރޭހަށް ބާސެލޯނާއިން ވަދެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މި ފަހަރުގެ ޓްރާންސްފަރ މާކެޓުގައި އުމުރުން 23 އަހަރުގެ ރެނާޓޯ ގަންނަން މީގެ ކުރިން ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ ލިވަޕޫލާއި އާސެނަލްއެވެ. ނަމަވެސް، ސްޕެއިނުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ބާސެލޯނާއިންވެސް ވަނީ ރެނާޓޯ ހޯދުމުގެ ރޭހުގައި ބައިވެރިވެފައެވެ. ރެނާޓޯ ވަނީ މި ފަހަރުގެ ޔޫރޯގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންވެ، ފްރާންސްގެ ލިލްއަށް ކުޅޭ ރެނާޓޯގެ ޑިމާންޑް ވަނީ ބޮޑުވެފައެވެ.
ސްޕެއިންގެ މީޑިޔާތަކުން ރިޕޯޓުކުރާގޮތުގައި ބާސެލޯނާއިން ރެނާޓޯގެ ސޮއި ހޯދުމުގައި ސީރިއަސްކޮށް މަސައްކަތް ކުރަން ފަށާނީ އެ ޓީމުން އެތުލެޓިކޯ މެޑްރިޑްގެ ސައުލް ނިގޭޒް ހޯދަން ކުރާ މަސައްކަތް ފެއިލްވެއްޖެނަމައެވެ. ރެނާޓޯ، ލިލްއަށް ބަދަލުވީ 2019ވަނަަ އަހަރު 30 މިލިއަން ޑޮލަރަށެވެ. އޭނާއަކީ ލިލްގެ ތާރީޚުގައި އެ ޓީމަށް ސޮއިކުރި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި ލިލްއިން ފްރެންޗް ލީގު ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފައެވެ.