ޚަބަރު

ގިނަގުނަ ނިޢުމަތްތައް ދެއްވީ އިޙްސާންތެރިވަނީ ކޮންބައެއްތޯ ބެއްލެވުމަށް: ޙައްޖު ޚުޠުބާ


އަޅުކަން އަދާކުރުމުގައި މާތްﷲއަށް އިޙްސާންތެރިވުމަށް މިއަހަރުގެ ޙައްޖުގެ ޚުޠުބާގައި ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް ހަނދާންކޮށްދީފިއެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޢަރަފާތުގެ މާތްބިމަށް އެއްވެ ތިބި ފަސްދޮޅަސް ހާސްމީހުންނަށް ޚުޠުބާ އިއްވަވަމުން ޝެއިޚް ބަލީލާޙް ވަނީ ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށްޓަކާ ލެއްވި އެންމެހައި ނިޢުމަތްތަކަކީ އެކަންކަމާމެދު ސުވާލުވެވޭނެ ނިޢުމަތްތައްކަމުގައި ވިދާޅުވެފައެވެ.

ޢަރަފާތު ބިމުގައިވާ މަސްޖިދުއް ނަމިރާގައި ޙައްޖުގެ ޚުޠުބާ އިއްވަވާފައިވަނީ މަސްޖިދުލް ޙަރަމުގެ ޚަޠީބު ޝެއިޚް ބަންޑާރް ބަލީލާޙްއެވެ. ޙައްޖުގެ ޚުޠުބާގައި މިއަހަރުވަނީ އަޅުކަމާއި އެހެނިހެން ދިރިއުޅުމުގެ ކަންކަން ފުއްދުމުގައި އިޙްސާންތެރިވުމަށް ބާރުއަޅުއްވާފައެވެ. އެގޮތުން ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ނަމާދު ކުރުމާއި ޒަކާތްދިނުމާއި ރޯދަ ހިފުމާއި ޙައްޖުގެ އަޅުކަން އަދާކުރުމުގައި ﷲއަށް އިޙްސާންތެރިވުމަށް ޚުޠުބާގައިވަނީ ގޮވާލައްވާފައެވެ. އަދި އިންސާނާ އެންމެ ފުރިހަމަ ސިފައެއްގައި އުފައްދަވާ އެތައް ނިޢުމަތްތަކެއް އެއިންސާނާއަށްޓަކައި މާތްﷲ ތަނަވަސްކޮށްދެއްވުމުން އެއިލާހަށް އިޙްސާންތެރިނުވާންވީ ކީއްވެތޯ ޚަޠީބުވަނީ އިސްލާމި އުއްމަތާ ސުވާލުކުރައްވާފައެވެ.

ﷲ ތަޢާލާ ފޮތް ބާވާލައްވާ ރަސޫލުން ފޮނުއްވަވާ ޚައްޤު މަގު ބަޔާންކޮށްދެއްވީ އެއިލާޙުގެ އަޅުތަކުންނަށް ވެދެއްވި އިޙްސާންތެރިކަމެއްކަމަށް ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ. މާތްﷲ އިންސާނުންނަށް ގުނާ ޢަދަދުނުކުރެވޭހާ ނިޢުމަތްދެއްވިކަން ފާހަގަކުރައްވާ އެނިޢުމަތްތައް ދެއްވެވީ އަޅުތަކުންގެ ތެރެއިން އިޙްސާންތެރިވަނީ ކޮންބައެއްތޯ ބެއްލެވުމަށްކަމަށް ކީރިތި ޤުރުއާނުގައި ﷲ ބަޔާންކުރައްވާކަމަށް ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. އަދި އެމީހަކަށް ދިމާވާ ދަތި އުނދަގޫތަކަށް ކެތްކޮށް އަންގަވާފައިވާ ފަދައިން އަޅުކަން އަދާކޮށްފިމީހާ އެމީހެއްގެ އަމިއްލަ ނަފްސަށް އިޙްސާންތެރިވެއްޖެކަމަށް ޚަޠީބު ވިދާޅުވިއެވެ.

އަދި ﷲ ޚަލްޤުކުރެއްވި އެންމެ މާތް ފަރާތަކީ އިންސާނާ ކަމަށާއި އެއިންސާނާގެ ކިބައިން އެއިލާހުގެ އެހެނިހެން ޚަލްޤުތަކަށް އިޙްސާންތެރިވުމަށް އަންގަވާ އަޙްދުކުރެއްވިކަމަށް ޚުޠުބާގައިވަނީ ބަޔާންކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ އިޙްސާންތެރިކޮށް ހިތަންޖެހެނީ އެމީހެއްގެ މައިންބަފައިންނަށްކަމަށާއި އޭގެ ފަހުގައި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންނަށް އިޙްސާންތެރިވުމަށްވަނީ ހަނދާންކޮށްދެއްވާފައެވެ. އަދި އެމީހަކާއެކު މަސައްކަތްކުރާ މީހުންނާއި އެމީހެއްގެ ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ﷲ ހެއްދެވި ޖަނަވާރުންނަށްވެސް އިޙްސާންތެރިކޮށް ހިތުމަށްވަނީ ހަނދާންކޮށްދީފައެވެ.

މީގެއިތުރުން ދީނާއި މުޖުތަމަޢަށް ފައިދާ ހުރި ބައެއްގެ ގޮތުގައި ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަކީ އެދަރިންގެ މައްޗަށް މައިބަފައިން އަދާކޮށްދޭންޖެހޭ އިޙްސާންތެރިކަމެއްކަމުގައި ޚުޠުބާގައިވަނީ ވިދާޅުވެފައެވެ. ހަމައެއާއެކު ޤައުމުގެ މަސްލަޙަތު ދެމެހެއްޓުމާއި އަމާންކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަކީވެސް އިޙްސާންތެރިކަމުގެ ސިފަތައްކަމަށް ޚުޠުބާގައިވަނީ ބަޔާންކޮށްދެއްވާފައެވެ. އިޙްސާންތެރިންދެކެ މާތްﷲ ލޯބިވާކަން ޤުރުއާނުގައި ބަޔާންވެގެންވާއިރު ފަސާދަކުރުމާއި ލޭއޮހޮރުވާ މީހުންނާ މެދު އެއިލާޙު ނުރުއްސަވާކަންވެސް ޚުޠުބާގައި ހަނދާންކޮށްދީފަވާއިރު އިޙްސާންތެރިވުމަށް ވެވޭ ކޮންމެ އަޙްދަކާމެދު ސުވާލުވެވޭނެކަމަށް ޚުޠުބާގައިވަނީ ބަޔާންކޮށްދެއްވާފައެވެ.

އިސްލާމްދީނުގައި އިޙްސާންތެރިވުމަށް ބާރުއަޅުއްވާ މިންވަރު ބަޔާންކޮށްދެއްވަމުން ޚުޠުބާގައި ވިދާޅުވީ ޢަދާވަތްތެރިވެފައިވާ ދެމީހެއްކަމުގައިވީނަމަވެސް އެދެމީހުންވެސް އެކަކުއަނެކަކަށް އިޙްސާންތެރިވުމަށް ދީނުގައި ބަޔާންކުރައްވާފައިވާކަމަށެވެ. އަދި މުދާ ހޭދަކުރުމުގައި އިޙްސާންތެރިވުމަށާއި ދަރަނިއަށް އެދި އެކަމަށް ބޭނުންޖެހިފައިވާ މީހާއަށް ދަރަނި ދިނުމާއި މީހުންނާއި ރިވެތި ބަހުން މުޢާމަލާތު ކުރުމަކީވެސް މީގެ ތެރޭގައި ހިމެނޭ ކަންކަމުގެ ގޮތުގައި ޚުޠުބާގައިވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ޙައްޖުގެ މަތިވެރިކަމާއި ޙައްޖުން ލިބިދޭ މަތިވެރި ޢިބުރަތްތަކާއި ފިލާވަޅުތަކުގެ މަތިންވެސް ޚުޠުބާގައިވަނީ ހަނދާންކޮށްދީފައެވެ.