ޚަބަރު

ޢީދާ ދިމާކޮށް ބަންގްލަދޭޝުގެ ފުރަބަންދު އުވާލައިފި


ބަންގްލަދޭޝްގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އަޟްޙާ ޢީދާ ދިމާކޮށް އުވާލައިފިއެވެ.

ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން ބަންގްލަދޭޝް ފުރަބަންދުކޮށްފައިވަނީ ޖުލައި މަހުގެ 1ވަނަ ދުވަހުއެވެ. ފުރަބަންދުގެ މުއްދަތުގައި އިދާރާތައް ބަންދުކޮށް ޞިއްޙީ ޚިދުމަތްތަކާ ގުޅުންހުރި އުޅަނދުތައް ފިޔަވައި އެހެން އުޅަނދުތައް ބޭނުންކުރުންވަނީ މަނާކޮށްފައެވެ. އަދި ފުރަބަންދުގެ އުޞޫލުތަކަށް ޢާންމުން ޢަމަލުކުރެތޯ ޔަޤީންކުރުމަށް ގިނަ ޢަދަދެއްގެ ސިފައިންނާއި ފުލުހުންވަނީ މަގުމައްޗަށް ނެރެފައެވެ. އެ ގޮތުން ފުރަބަންދުގެ އުޞޫލުތަކާ ޚިލާފުވި އެތައް ހާސް މީހުންނެއްވަނީ ޖޫރިމަނާކޮށް ޖަލުގައި ބަންދުކޮށްފައެވެ.

18 ދުވަހަށް ބަންގްލަދޭޝް ފުރަބަންދު ކުރި ނަމަވެސް އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންނާއި މަރުވާ މީހުންގެ ޢަދަދުތައް ދަށަށް ގޮސްފައެއް ނުވެއެވެ. އެ ގޮތުން ފުރަބަންދުގެ ތެރޭގައި ދުވާލެއްގެ މައްޗަށް 11،000 މީހުންނަށް ކޯވިޑް-19 ޖެހި 200 މީހުންވަނީ މަރުވެފައެވެ. ފުރަބަންދުގެ އެންމެ ފަހު ދުވަހު އެ ޤައުމުގައި 11،758 މީހުންނަށް ބަލިޖެހި 225 މީހުންވަނީ މަރުވެފައެވެ.

ބަންގްލަދޭޝްގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އުވާލާފައިވަނީ ޞިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދުތަކާ ޚިލާފަށެވެ. އެ ގޮތުން ބަންގްލަދޭޝްގެ ސަރުކާރުން ދީފައިވާ ލުއިތަކާއެކު އެތައް މިލިޔަން މީހުންނެއް އެކި ސަރަޙައްދުތަކަށް ދަތުރުކުރަން ފެށުމުން ބަލިމަޑުކަމުގެ އިތުރު ރާޅެއް ފެތުރިދާނެކަމުގެ އިންޒާރު ޞިއްހީ މާހިރުންވަނީ ދީފައެވެ. މިދިޔަ މޭއި މަހުގެ ފާގަހަކުރި ފިޠުރު ޢީދުގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ދިރިއުޅޭ 20 މިލިޔަން މީހުންގެ ތެރެއިން 10 މިލިޔަން މީހުންވަނީ އެކި ސަރަޙައްދުތަކަށް ދަތުރުކޮށްފައެވެ. އެއާއެކު އެ ޤައުމުގައި ބަލިމަޑުކަމުގެ ނުރައްކާތެރި ރާޅެއް ފެތުރުނެވެ.

ފުރަބަންދުގެ އުޞޫލުތައް އުވާލުމުން ކުރިމަތިވާ ފާޑުކިޔުންތަކަށް ބަންގްލަދޭޝްގެ ސަރުކާރުން ފަރުވާލެއް ދީފައެއް ނުވެއެވެ. އެ ގޮތުން އެ ޤައުމުގެ ސަރުކާރުންވަނީ ރައްކާތެރިކަމުގެ އުޞޫލުތަކަށް ޢަމަލުކޮށް މާސްކު އަޅައިގެން ބޭރަށް ނުކުތުމަށް އިރުޝާދު ދީފައެވެ. ނަމަވެސް ލުއިތައް ދިން ފުރަތަމަ ދުވަހުވެސް ފެނިފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ޢަމަލު ނުކޮށް ޢީދަށް ބާޒާރު ކުރަން މީހުން ފިހަރާތަކަށް ޖަމާވެފައިވާ މަންޒަރެވެ.

163 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގައި 1.1 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 17،000އަށްވިރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި ކޯވިޑް-19ގެ ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވަނީ އެންމެ 2.6 އިންސައްތަ މީހުންނެވެ.