ޚަބަރު

އޮލިމްޕިކްސްގައި ބައިވެރިވާ އިންގްލެންޑްގެ އެތުލެޓިކްސް ޓީމު އެކަހެރިވާން ޖެހިއްޖެ


ޓޯކިޔޯ އޮލިމްޕިކްސްގައި ބައިވެރިވާ އިންގްލެންޑްގެ އެތުލެޓިކްސް ޓީމު އެކަހެރިވާން ޖެހިއްޖެއެވެ.

މިމަހުގެ 23ވަނަ ދުޗަހު ޖަޕާންގެ ޓޯކިޔޯގައި ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސްގައި ބައިވެރިވުމަށް އިންގްލެންޑްގެ އެތުލެޓިކްސް ޓީމު ޓޯކިޔޯއަށް ދިޔަ ޕްލައިޓެއްގައި ދަތުރުކުރި މީހަކު ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން އިންގްލެންޑްގެ އެތުލެޓިކްސް ޓީމުވަނީ މިހާރު އެކަހެރިކޮށްފައެވެ. މިޓީމް އެކަހެރިކޮށްފައިވާއިރު ބައެއް އެތުލީޓުންނަނީ އެކި އިވެންޓަކުގައި މެޑަލް ހޯދާނެކަމަށް ލަފާކޮށްފައިވާ އެތުލީޓުންނެވެ. އިންގްލެންޑް އެތުލެޓިކްސް ޓީމުގެ އިތުރުން ޓީމުގެ ސްޓާފުންގެ ދެ މެންބަރުންވެސްވަނީ އެކަހެރިކޮށްފައެވެ. މި ޓީމް ޓޯކިޔޯއަށް ގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

މިފަދަ ބަލިމަޑުކަމެއްގެ ތެރޭގައި ޓޯކިޔޯ އޮލިމްޕިކްސް ބޭއްވުމަށް ޖަޕާނުގެ ސަރުކާރުން ނިންމުމާއި ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދި މިހާރު ބައެއް އެތުލީޓުން ކޯވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން މި ސުވާލުތައްވަނީ އިތުރުވެފައެވެ.

މީގެކުރިންވެސް އެތުލީޓުންގެ ވިލެޖުންވަނީ ދެ އެތުލީޓަކު ކޯވިޑް-19 ޖެހުމުގެ ސަބަބުން އެކަހެރިކޮށްފައެވެ. އިންގްލެންޑްގެ އެތުލެޓިކްސް ޓީމު އެ ޤައުމަށް ގޮސްފައިވަނީ ކޯވިޑް-19ގެ ނެގެޓިވް ނަތީޖާއާއެކުއެވެ. ނަމަވެސް ޓޯކިޔޯގެ ކޯވިޑް-19 ޕްރޮޓޮކޯލްގެ ދަށުން 48 ގަޑިއިރުފަހުން އަލުން ޕީސީއާރު ޓެސްޓު ކުރުމަށްފަހު ނަތީޖާ ނެގެޓިވް ނަމަ އެތުލީޓުން ދޫކޮށްލާނެއެވެ.