ޚަބަރު

ވަރާންއާއި ޓްރިޕިއަރ ހޯދުމަށް ޔުނައިޓެޑުން 75 މިލިއަން ޔޫރޯ


އެތުލެޓިކޯ މެޑުރިޑުގެ އިނގިރޭސި ފުލްބެކް ކިއެރަން ޓްރިޕިއަރއާއި ރެއާލް މެޑުރިޑުގެ ފުރާންސް ޑިފެންޑަރު ރަފައެލް ވަރާން ގަންނަން ކުރާ މަސައްކަތް މެންޗެސްޓާ ޔުނައިޓެޑުން އިތުރުކޮށްފިއެވެ.

މި އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވަރާން ރެއާލާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާނެއެވެ. އެހެންކަމުން، މި ފަހަރުގެ ޓްރާންސްފަރ މާކެޓްގައި ރެއާލުން ވަރާން ވިއްކާލުމުގެ ފުރުޞަތު ބޮޑެވެ. އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކުރާގޮތުން ވަރާންގެ އޭޖެންޓް މިހާތަނަށް ޔުނައިޓެޑާއެކު ކުރި މަޝްވަރާތަކުގެ ނަތީޖާ ރަނގަޅެވެ. އަދި ވަރާން ޔުނައިޓެޑަށް ބަދަލުވާން މިހާރު ކުރަން ޖެހިފައިވާ ހަމައެކަނި ކަމަކީ ޔުނައިޓެޑާއި ރެއާލުން މި ޑީލް ނިންމާނެ ވަކި އަގެއް ކަނޑައެޅުމެވެ.

މި ދެ ކުޅުންތެރިން ގަންނަން ޔުނައިޓެޑުން މި ވަގުތު ހޭދަކުރާނީ 75 މިލިއަން ޑޮލަރެވެ. ޓްރިޕިއަރ ގަންނަން ޔުނައިޓެޑުން ތައްޔާރު ކުރަނީ 25 މިލިއަން ޑޮލަރުގެ ބިޑެކެވެ. ވަރާން ގެ ސޮއި ހޯދަން ޔުނައިޓެޑުން އޮތީ 50 މިލިއަން ޑޮލަރު ޚަރަދުކުރަން ތައްޔާރަށެވެ.

އެތުލެޓިކޯގެ އޮފިޝަލަކާ ޙަވާލާދީ ސްޕެއިނުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުލަބުން މި ފަހަރުގެ ޓްރާންސްފަރ މާކެޓްގައި ޓްރިޕިއަރ ވިއްކާލަން ވިސްނާފައެއް ނުވެއެވެ. ނަމަވެސް، އެ ޑީލް ކުރިއަށް ގެންދަން ޓްރިޕިއަރގެ އޭޖެންޓް އަންނަނީ ޕްރެޝަރު ކުރަމުންނެވެ.