ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މިއަހަރުގެ ޙައްޖުހެ އަޅުކަން މިވަނީ ފަށާފައެވެ. ކޮންމެ އަހަރަކުވެސް އެތައް މިލިއަން މުސްލިމުން ބައިވެރިވަމުން އަންނަ މި އަޅުކަމުގައި ބައިވެރިވާ މީހުންގެ އަދަދު ސައުދީ ސަރުކާރުން މިވަނީ އެތައް ހާހުން މަދުކޮށްފައެވެ.
މިދިޔަ އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީ ސަރުކާރުން ދިނީ އެންމެ 1000 މީހުންނަށެވެ. މި އަހަރު އެ އަދަދުވަނީ 60،000 މައްޗަށް ޖައްސާފައެވެ. އެހެންނަމަވެސް މިއަހަރުވެސް ޙައްޖުވުމަށް ސައުދީއަށް އެތެރެވުމުގެ ފުރުސަތު އެއްވެސް ޤައުމަކަށް ދީފައެއް ނުވެއެވެ. މުޅިންވެސް ފުރުސަތު ދިނީ ސައުދީގެ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންނަށެވެ.
150 ޤައުމެއްގެ މީހުން މި އަހަރަށް ކަނޑައެޅި 60،000 މީހުންގެ ތެރޭގައި ހިމެނެއެވެ. އޭގެތެރޭގައި ދިވެއްސެއް ހިމެނޭކަމީ ދިވެހިނަށް ލިބޭ އުފަލަކާއި ޝަރަފެއްކަން ޔަޤީންނެވެ.
މި ފަހަރުގެ ޙައްޖާޖީންގެ ތެރޭގައި ހިމެނެނީ އެންމެ ދިވެއްސެކެވެ. އެ ނަސީބާއި އުފާ ލިބިވަޑާއިގެންނެވި ދިވެއްސަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެޝިއާ ޑިރެކްޓަރގެ ގޮތުގައި ރާއްޖޭގެ ފަރާތުން ހުންނެވި އަޙްމަދު ސަރީރުއެވެ.
ރާއްޖޭއިން އދ ކަނޑައެޅުއްވި ސަފީރުކަމާއި ދިވެހި ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީގެ މަގާމުވެސް ފުރުއްވާފައިވާ ސަރީރު ގެންދަވަނީ މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެޑައިގަންނަވަމުންނެވެ.
Alhamdhulillahi. Such a blessing from Almighty Allah that I happen to be among those 60,000 allowed to perform Hajj this year amid the Covid restrictions. Not only Saudi citizens, the criteria is for those resident in Saudi Arabia, fully vaccinated. https://t.co/DcKYWLuWcB
— Ahmed Sareer (@AhmedSareer) July 18, 2021
ރާއްޖޭގެ ހާރިޖިއްޔާ ހިދުމަތްކުރައްވާތާ 32 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަޙްމަދު ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ޚާރިޖީ ދާއިރާގެ އެކި މަޤާމުތަކުގަޔާއި އަދި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަޤާމުތަކުގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ކަމުގެ މަޤާމުވެސް އަޙްމަދު ސަރީރު ފުރުއްވާފައިވެއެވެ. އަދި 2102 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 10 ވަނަދުވަހުން ފެށިގެން 2017 ވަނަ އަހަރުގެ ޖުލައިމަހުގެ 18 ވަނަދުވަހުގެ ނިޔަލަށް ސަރީރުވަނީ ނިއުޔޯކްގައި ހުންނަވާ ރާއްޖޭގެ ދާއިމީ ސަފީރުގެ މަޤާމު ފުރުއްވާފައެވެ.
މި އަހަރުގެ ޙައްޖުގައި ބައިވެރިވުމުގެ ފުރުސަތު ސައުދީން ދީފައިވަނީ އުމުރުން 18 އަހަރާއި 61 އަހަރާއި ދެމެދުގެ މީހުންނަށެވެ. އަދި އެމީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނެވެ. އަދި މި ބައިވެރިންނަކީ ދާއިމީ ބައްޔަކަށް ބޭސްނުކުރާ އަދި ފުއްފާމޭގެ ބަލިތައް ނުހުންނަ މީހުންނެވެ.
މިދިޔަ އަހަރު 1000 މީހުންނާއި އެކު ކުރިއަށް ގެންދިޔަ ޙައްޖުގެ އަޅުކަމުގައި 5 ދިވެއްސަކަށް ބައިވެރިވުމުގެ ނަސީބު ލިބުނެވެ. އޭގެ ތެރޭގައި ހިމެނުނީ ސައުދީގައި ކިޔަވަމުން އަންނަ ދަރިވަރުންނާއި އެޤައުމުގައި މަސައްކަތް ކުރަމުން އައި ބައެއް ދިވެހިންނެވެ.