ޚަބަރު

ޙައްޖު ދުވަސް: މުސްލިމުންގެ އެންމެ ބޮޑު ޖަމާޢަތް އެއްތަނަކުން ބައްދަލުވާ ދުވަސް


ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ ޙައްޖުވެރިންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ފާހަގަކުރާ މަތިވެރި ދުވަހެކެވެ. މިދުވަހަކީ ޛުލްޙިއްޖާމަހުގެ 9 ވަނަ ދުވަސް، މުސްލިމުންގެ އެންމެ ބޮޑު ޖަމާޢަތް އެއްތަނަކުން ބައްދަލުވާ ދުވަހެވެ. މިއަދަކީ މިއަހަރުގެ މާތްވެގެންވާ ޙައްޖު ދުވަހެވެ.

ޙައްޖު ދުވަހަށް ޢަރަފާތު ދުވަހޭ ކިޔެނީ ޙައްޖު ދުވަހަކީ ޙައްޖުވެރިން ޢަރަފާތް ބިމުގައި ހޭދަކުރާ ދުވަހަށްވުމުންނެވެ. އަދި ޙައްޖު ލިބުނުކަމަށް ވާނީ ޒުލްޙިއްޖާމަހުގެ 9 ވަނަ ދުވަހު ޢަރަފާތު ބިމަށް ވަދެވޭ މީހުނަށެވެ. އެބިމަށް އެދުވަހުގެ އިރު އޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެއެވެ. ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް މީހުން އެއްތަނަކަށް އެއްވާ ބިންކަމަށްވާއިރު އެބިމަށް ނުދާ އެތައް މިލިއަން މުސްލިމުންނެއް މިއަދު ތިބޭނީ ރޯދައަށެވެ. ކީރިތި ރަސޫލާގެ ހަދީޘެއްގައިވާގޮތުން އަރަފާތު ދުވަހު ހިފާ ރޯދައަކީ ފާއިތުވި އަހަރުގައި ކުރެވިފައިވާ ފާފަތަކާއި ކުރިއަށް އޮތް އަހަރުގެ ފާފަތައް ފުހެވިގެންދާނެ ރޯދައެކެވެ. އެހެންކަމުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން މިދުވަހު ރޯދަ ހިފާ ޞަދަގާތް ކުރުން އިތުރުކުރާނެކަން ކަށަވަރެވެ.

ޙައްޖަކީ އެންމެމާތް އަޅުކަމުގެ ތެރެއިން ހިމެނޭ، އަދި الله އަށް ކުއްތަންވުމުގެ ގޮތުން އަދާކުރެވޭ މަތިވެރިއަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. ޙައްޖުގެ އަޅުކަމަކީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމަކަށް އުމުރުން އެއްފަހަރު ކުރުން ފަރުޟު ކުރައްވާފައިވާ އަޅުކަމެކެވެ. ޝަރުޢުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި، ވަކިގޮތްތަކެއްގެ މަތީން، އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށްޓަކައި، ކަޢުބަތު ﷲ ގެފުޅުގެ އަރިހަށްގޮސް، ގެފުޅު ވަށައިގެން ޠަވާފުކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމާއި ޙައްޖުމަހުގެ 9 ވަނަދުވަހު ޢަރަފާތު ބިމުގައި މަޑުކުރުމާއި އެ ދުވަހުގެ ރޭ މުޒްދަލިފާގައި މަޣުރިބް ނަމާދާއި ޢިޝާ ނަމާދަށްފަހު ވަގުތުހޭދަކޮށް، އެއަށްފަހު މިނާގައި އެރޭގެ މެންދަމުގެ ބައެއްގައި ވަގުތު ހޭދަކުރުން ހިމެނޭ އަޅުކަމެކެވެ.

މި އަޅުކަމަކީ ވަކި ހަސަބެއް ނަސަބެއް ނުވަތަ ނަސްލެއް އިސްތިސްނާނުވެ ﷲގެ ހަޟްރަތުގައި އެކަލާނގެ އަޅުތަކުންގެ ހަމަހަމަކަން ދައްކުވައިދޭ އެންމެ ފުރިހަމަ މިސާލެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި މުސްލިމުން އެއްތަނަކުން ބައްދަލުވެ އިސްލާމީ އުއްމަތުގެ އުޚުއްވަތްތެރިކަން ދައްކުވައިދޭ އެންމެ ބޮޑު ޖަމާޢަތްވެސްމެއެވެ.

ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މި އަހަރުގެ ހައްޖުގައި ބައިވެރިކުރުމަށް ސައޫދީ ސަރުކާރުން ކަނޑައަޅާފައިވަނީ، ސައޫދީ އަރަބިއްޔާގައި އުޅޭ އެކި ގައުމުތަކުގެ މީހުން ހިމެނޭ ގޮތަން، ޖުމްލަ 60 ހާސް މީހުންނެވެ. މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެއިތުރުން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަކުރި މީހުންނަށްވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިކުރެއެވެ. އަދި މިފަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރަނީވެސް ކޯވިޑްއިން ރައްކާތެރިވުމަށް އަޅާ ޚާއްސަ ފިޔަވަޅުތަކާއެކުގައެވެ. ސައޫދީ ސަރުކާރުން ކަނޑައަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ހައްޖުވެރިން ވަނީ ތިން ބަޔަކަށް ބަހާލާފައެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ، ޖިއްދާ އާއި ތާއިފްގެ ވައިގެ ބަނދަރުން ހާއްސަ ބަސްތަކުގައި މައްކާ އަށް ދާ މީހުންނެވެ. ދެވަނަ ބަޔަކީ އަމިއްލަ ބަސްތަކުގައި ދުރު ހިސާބުތަކުން ދާ މީހުންނެވެ. އަދި ތިންވަނަ ބަޔަކީ، އަމިއްލަ އުޅަނދުތަކުގައި އެއްގަމު މަގުން ދާ މީހުންނެވެ.

މީގެ އިތުރުން ޙައްޖާޖީންނާއި ޙައްޖާބެހޭ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ މަސައްކަތްތެރިންގެ މަޢުލޫމާތު ބެލެހެއްޓުމަށް ޚާއްޞަ ސުމާޓު ކާޑަކާއި ޙައްޖުވެރިންނަށް ޒަމްޒަމް ފެން ބެހުމަށް ޚާއްސަ ސްމާޓް ރޮބޮޓެއްވެސް ވަނީ ތަޢާރފްކޮށްފައެވެ. ޙައްޖާޖީންގެ ރައްކާތެރިކަން ޔަޤީންކުރުމަށް އެ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ޚާއްޞަ ސަމާލުކަމެއްދިނުމާއި ޙައްޖާޖީންގެ ޞިއްޙީ ޙާލަތު ގާތުން ބެލުމަށްވެސް ޚާއްޞަ ފިޔަވަޅުތަކެއް އެޅުއްމަށްވަނީ ނިންމައިފައެވެ. އެ ގޮތުން އަރަފާތާއި މިނާގެ އިތުރުން އެނޫންވެސް މުޤައްދަސް ބިންތަކުގައި ޚާއްޞަ ޞިއްޙީ މަރުކަޒުތައް ޤާއިމުކުރުމަށް ވަނީ ނިންމައިފައެވެ. މައްކާގައި ހުންނަ މަސްޖިދުލް ހަރާމަށް ވަދެނުކުތުމަށްވެސް ޚާއްޞަ ދޮރުތަކެއްވަނީ ކަނޑައަޅައިފައެވެ. އޭގެ އިތުރުން ޠަވާފުކުރުމަށާއި ސަޢުޔުކުރުމުގެ މަރުޙަލާތަކުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އެ ގޮތުން ޠަވާފުކުރުމަށް ކަނޑައަޅާފައިވާ މަގުތައްވެސް ވަނީ އިތުރުކޮށްފައެވެ. އަދި މިސްކިތް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި 5،000އަށްވުރެ ގިނަ މަސައްކަތްތެރިން ޙަރަކާތްތެރިވާނެކަމަށް ސަޢުދީ ޢަރަބިއްޔާއިން ބުނެއެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރު ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1000 މީހުންނަށެވެ.