ޚަބަރު

ސިންގަޕޫރުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެ


ސިންގަޕޫރުގައި ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

ސިންގަޕޫރުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 88 މީހުންނަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި އެއީ ފާއިތުވި 11 މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް ބަލިޖެހުނު ދުވަސްކަމަށެވެ. އެ ވުޒާރާއިން ބުނި ގޮތުގައި ސިންގަޕޫރުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށައިފައިވަނީ އެ ޤައުމުގެ ކަރޯކޭ ލައުންޖެއްގައި އުފެދުނު ކޯވިޑް-19ގެ ކުލަސްޓާއަކާއި މަސްވެރި ބަނދަރެއްގައި އުފެދުނު ކުލަސްޓާއެއްގެ ސަބަބުންކަމަށެވެ.

ސިންގަޕޫރުން ކޯވިޑް-19ގެ ނުރައްކާތެރި ކުލަސްޓާތަކެއް ފެނިފައިވަނީ އެ ޤައުމުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިންތާ ހަފުތާއެއް ފަހުންނެވެ. އެއާއެކު ކަރޯކޭ ލައުންޖުތަކާއި މާރުކޭޓުގައި މަސްވިއްކާ ގޮޅިތައް ބަންދުކޮށް އެ ޤައުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަލުން އަޅައިފައެވެ.

ސިންގަޕޫރުގެ ސިއްޙަތާބެހޭ ވުޒާރާއިން ބުނެފައިވަނީ ކަރޯކޭ ލައުންޖުތަކުން 23 މީހަކަށް ކޯވިޑް-19 ޖެހިފައިވާކަމަށާއި މަސްވެރި ބަނދަރުން ބަލިޖެހުނު މީހުންގެ ޢަދަދު 37އަށް އަރާފައިވާކަމަށެވެ.

5.7 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި 63،000 މީހުންނަށް ކޯވިޑް-19 ޖެހި 36 މީހުންވަނީ މަރުވެފައެވެ.