ޚަބަރު

ފަރުވާއަށްފަހު ބުރެޒިލުގެ ރައީސް ހަސްފަތާލުން ދޫކޮށްލައިފި


ފަރުވާއަށްފަހު ބުރެޒިލްގެ ރައީސް ޖައީޚް ބޮލްސޮނާރޯ ހަސްފަތާލުން ދޫކޮށްލައިފިއެވެ.

ބުރެޒިލުގެ ސައޮ ޕައުލޯގައި ހުންނަ ހަސްފަތާލަކުން ބޮލްސޮނާރޯވަނީ ހަތަރު ދުވަސްވަންދެން ފަރުވާ ހޯއްދަވައިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ފަރުވާ ހޯއްދަވާފައިވަނީ 2018ވަނަ އަހަރުގެ ތެރޭގައި އެނާއަށް ދިން ޙަމަލާއެއްގައި ލިބިފައިވާ އެތެރެ ހަށީގެ ޒަޚަމުތަކުގެ ސަބަބުން އުނދަގޫތަކެއް ތަޙަންމަލުކުރައްވަން ޖެހިވަޑައިގަތުމުންނެވެ.

ހަސްފަތާލުން ނުކުމެވަޑައިގަންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮލްސޮނާރޯ ވިދާޅުވީ ރަސްމީ މަސައްކަތަށް ނުކުމެވަޑައިގަންނަވަން ތައްޔާރުކަމަށާއި ކުރިޔަށް އޮތް 10 ވަރަކަށް ދުވަސް ތެރޭގައި ޢާންމު ޙާލަތަކަށް ރުޖޫޢުވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ޢުމުރުފުޅުން 66 އަހަރުގެ ބޮލްސޮނާރޯއަށް މިދިޔަ އަހަރުގެ ތެރޭގައި ކޯވިޑް-19ވެސް ޖެހުނެވެ.