ޚަބަރު

ތައިލޭންޑުގެ ފުރަބަންދުގެ އުޞޫލުތައް އިތުރަށް ހަރުކަށިކޮށްފި


ތައިލޭންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އިތުރަށް ހަރުކަށިކޮށްފިއެވެ. ތައިލޭންޑުގެ ސަރުކާރުން އެ ގޮތަށް ޢަމަލުކުރަން ނިންމީ އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވުމުންނެވެ.

ތައިލޭންޑުގައި އިޢުލާންކޮށްފައިވާ ފުރަބަންދުގެ އުޞޫލުތައް އިތުރަށް ހަރުކަށިކުރުމަށް ނިންމައި އެ ޤައުމުގެ ސަރުކާރުން ޢާންމުކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޙާލަތު ގޯސްވެފައިވާ ސަރަޙައްދުތަކުގައި ބޭނުމެއް ނެތި ބޭރަށް ނުކުތުން މަނާވާނެކަމަށެވެ އަދި ރޭގަނޑު 9ން ފަތިހު 4އަށް ކާފިޔުއެއް އިޢުލާންކޮށް އެ ސަރަޙައްދުތައް ބެލެހެއްޓުމަށްވަނީ ފުލުހުން ނެރެފައެވެ. އެފަދަ ފިޔަވަޅުތަކެއް ވެރިރަށް ބެންކޮކާއި އިތުރު ނުވަ ސަރަޙައްދެއްގައި މީގެ ކުރިންވަނީ އިޢުލާންކޮށްފައެވެ.

ދުނިޔޭގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެނުނު ޤައުމުތަކުގެ ތެރޭގައި ތައިލޭންޑު ހިމެނެއެވެ. ނަމަވެސް އެ ޤައުމުގެ ޙާލަތު ގޯސްވެފައިވަނީ މިދިތަ އޭޕުރިލް މަހުގެ ތެރޭގައި އެ ޤައުމުން ކޯވިޑް-19ގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ފެނުމުންނެވެ.

ތައިލޭންޑުގައި 403،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 3،300އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 11،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި 100އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.