ޚަބަރު

ޖަރުމަންވިލާތުގެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އުމުރާނީ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ


ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޯރުތައް ފުރިގެން ބަނޑުންވެ ޖަރުމަންވިލާތާއި ބެލްޖިޔަމުގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ފެންބޮޑުވުމުގެ ކާރިޘާތަކުގައި 200އެއްހާ މީހުން މަރުވެއްޖެއެވެ.

ވިލާތުގެ ހުޅަނގުގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ޤުދުރަތީ ކާރިޘާގައި އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހިފައިވަނީ ޖަރުމަންވިލާތަށެވެ. އެ ކާރިޘާތަކުގައި އެ ޤައުމުގެ 150އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޖަރުމަންވިލާތުން އެންމެ ގިނަ މީހުން މަރުވެފައިވަނީ ކޮލޮންނުންނެވެ. އެ ސަރަޙައްދުން މަރުވި މީހުންގެ ޢަދަދު 100އަށްވުރެ ގިނައެވެ.

ޖަރުމަންވިލާތުގެ ރައީސް ފުރެންކް ވަލްޓާ ސުޓައިންމަޔާ ވިދާޅުވީ އުމުރާނީ ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ޢަދަދެއްގެ ބަޔަކު މަރުވި ނަމަވެސް އެތައް ހާސް ބައެއްގެ ފުރާނަ ސަލާމަތްކުރެވިފައިވާކަމަށެވެ. އެ ގޮތުން އެތައް ހާސް ބަޔަކުވަނީ ރައްކާތެރި ސަރަޙައްދުތަކަށް ގެންދެވިފައިވާކަމަށާއި އެ މީހުންނަށް ދޭންޖެހޭ ޚިދުމަތްތަކާއި އަޅާލުން ސަރުކާރުން ދޭނެކަމަށް ސުޓައިންމަޔާ ވިދާޅުވިއެވެ. އަދި ކާރިޘާގައި ލިބުނު ގެއްލުން ދެނެގަތުމަށް ވަޤުތު ނަގާނެކަމަށާއި އެ ސަރަޙައްދުތައް އާރާސްތުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި 50 އަހަރު ދުވަހުގެ ތެރޭގައި ޖަރުމަންވިލާތަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިޘާގައި އެ ޤައުމަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ގެއްލުން ލިބިފައިވާކަމަށް އަންދާޒާކުރެވެއެވެ. އެ ގޮތުން އެތައް ހާސް ބައެއްގެ ގެދޮރަށާއި މުދަލަށް ބޮޑެތި ގެއްލުންތަކެއްވެ އުމުރާނީ ވަޞީލަތްތައްވެސް ހުއްޓުމަކަށް އައިސްފައެވެ. އޭގެ ތެރޭގައި ޢާންމު ޙިދުމަތްތައް ފޯރުކޮށްދެމުންދާ މަރުކަޒުތަކާއި މަގުތައް ހިމެނެއެވެ.

ބެލްޖިޔަމުން ބުނެފައިވަނީ ކާރިޘާގައި 30އަކަށް މީހުން މަރުވެފައިވާކަމަށާއި ގެއްލިގެން ހޯދައި މީހުންގެ ޢަދަދު 100ން މައްޗަށް އަރާފައިވާކަމަށެވެ. އޭގެ އިތުރުން އަވަށްޓެރި ނެދަލެންޑްސަށްވެސްވަނީ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.