ޚަބަރު

ތައިލޭންޑުގައި އެއްވެ އުޅުން މަނާކޮށްފި


ތައިލޭންޑުގައި ކޯވިޑް-19ގެ ޙާލަތު ގޯސްވުމުން އެ ޤައުމުގައި އެއްވެ އުޅުން މަނާކޮށްފިއެވެ.

ތައިލޭންޑުގައި އެއްވެ އުޅުން މަނާކޮށްފައިވަނީ ކޯވިޑް-19 ޖެހިގެން އެ ޤައުމުގައި ރެކޯޑު ޢަދަދަކަށް މީހުން މަރުވުމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ތައިލޭންޑުގައި 10،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 141 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާތަނަށް ޖުމުލަ 391،000އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހި 3،240 މީހުންވަނީ މަރުވެފައެވެ.

މީގެ ކުރިން ތައިލޭންޑުގެ ސަރުކާރުންވަނީ އެ ޤައުމުގެ ވެރިރަށް ބެންކޮކާއި އިތުރު 9 ޕުރޮވިންސެއްގައި ހަރުކަށި ކަރފިޔުއެއް އިޢުލާންކޮށްފައެވެ. އެ ޤައުމުގެ ސަރުކާރުން ބުނާ ގޮތުގައި އެ ޤައުމުގައި ކޯވިޑް-19 ޖެހޭ މީހުންގެ 80 އިންސައްތައަކީ ބަލިމަޑުކަމުގެ ނުރައްކާތެރި ވައްތަރެއްކަމަށްވާ ޑެލްޓާ ވޭރިއެންޓު ޖެހިފައިވާ މީހުންނެވެ.

ތައިލޭންޑުގައި އެއްވެ އުޅުން މަނާކޮށް އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެ ފިޔަވަޅާ ޚިލާފުވާ މީހުންނަށް ޢަދަބެއްގެ ގޮތުގައި ދެ އަހަރު ދުވަހުގެ ޖަލި ޙުކުމެއް ނުވަތަ 1،200 އެމެރިކާ ޑޮލަރުގެ ޖޫރިމަނާއެއް ކުރާނެކަމަށެވެ. އެ ފިޔަވަޅު ތަންފީޒުކުރުމަށް ތައިލޭންޑުގެ ސަލާމަތީ ބާރުތަކުން ޙަރަކާތްތެރިވާނެއެވެ.

އޭގެ އިތުރުން ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަނެ އެފަދަ މީހުން އެކަހެރިކުރުމުގެ ޤައުމީ ކެންޕޭނެއްވެސް ތައިލޭންޑުގެ ސަރުކާރުންވަނީ ފަށައިފައެވެ.