އަފްޣާނިސްތާނުގެ ސަރުކާރާއި ޠާލިބާން ޖަމާޢަތާ ދެމެދު އަނެއްކާވެސް މަޝްވަރާތައް ފަށައިފިއެވެ.
އަފްޣާނިސްތާނުގައި ޞުލްޙަ ޤާއިމުކުރުމަށް ޤަޠަރުގެ ދައުހާގައި އަލުން މަޝްވަރާތައް ފަށައިފައިވަނީ ބޮޑު މެދުކެނޑުމަކަށްފަހުއެވެ. ފާއިތުވި މަސްތަކުގެ ތެރޭގައި އެކި ފަހަރުގެމަތިން ކުރި މަޝްވަރާތަކުން އަފްޣާނިސްތާނުގެ މައްސަލައަށް ޙައްލެއް ގެނައުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އަދި ފާއިތުވި ހަފުތާތަކުގެ ތެރޭގައި އަފްޣާނިސްތާނުގެ އެކި ސަރަޙައްދުތަކުގައި ޠާލިބާނުން ދެމުންދާ ޙަމަލާތަކުގެ ސަބަބުންވެސް ސުޅްޙައިގެ މަޝްވަރާތަކަށްވަނީ ހިޔަނިއެޅިފައެވެ.
20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމަށް ނިންމައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުވެސްވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ޙަވާލުކޮށްފައެވެ. އެއީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ގެއްލުންބޮޑު އަދި ދިގު ހަނގުރާމައިގައި ބޭނުންކުރި އަސްކަރީ މައި މަރުކަޒުވެސްމެއެވެ.
ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އުޒުބަކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.