ދުނިޔެ

ސޫރިޔާގެ އަރީޚާއަށް ދިން ހަމަލާއެއްގައި 30 މީހުން މަރުވެއްޖެ


ރަޝިޔާއިން އިއްޔެ ސޫރިޔާގެ ހުޅަނގު އުތުރުގެ އަރީޚާއަށް ދިން ކަމަށްބުނާ ހަމަލާގައި 30 މީހުން މަރުވެއްޖެއެވެ.މި ހަމަލާ ދީފައިވަނީ އަރީޚާގައި އާއްމުން ދިރިއުޅޭ ހިސާބެއްގައިވާ މާރުކޭޓަކަށް ކަމަށް، މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ. ސޫރިޔާއާ ތުރުކީވިލާތް ގުޅޭ ސަރަޙައްދީ އިމުގެ ކައިރިޔަށް ރަޝިޔާގެ އަސްކަރީ ވައިގެ އުޅަނދުތަކުން ވޭތުވެދިޔަ ދެތިންދުވަހު ދެމުންދާ ހަމަލާތައް އިތުރުވެފައިވާއިރު ސޫރިޔާގެ ހަނގުރާމައިގައި ހިންގާ ލާއިންސާނީ ކަންތައްތައް ބަލާ ރިޕޯޓްކުރާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ އިއްޔެ ހަމަލާދިން އަރީހާގެ މިސަރަހައްދަކީ އަލް-ޤައިދާއާ ގުޅުން އޮންނަކަމަށް ބެލެވޭ ނުސްރާ ފްރޮންޓުގެ ހަނގުރާމަވެރިންވެސް ހަރަކާތްތެރިވެ އުޅޭ ސަރަހައްދެއް ކަމަށެވެ.ރަޝިޔާގެ އަސްކަރިއްޔާގެ ފައިޓަރޖެޓް އުޅަނދަށް ހަމަލާދީ ވައްޓާލި މައްސަލާގައި، ތުރުކީވިލާތާއި ރަޝިޔާއާ ދެމެދު އޮތް ނުތަނަވަސްކަމާއެކުވެސް، ރަޝިޔާއިން ސޫރިޔާއަށް ދެމުންދާ ވައިގެ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާކަމަށް ބޭރު ދުނިޔޭގެ ޚަބަރުތައް ބުނެއެވެ.