ޚަބަރު

ޗައިނާއިން ނަޖިސްފެން ކަނޑަށް އަޅާ މައްސަލަ ފިލިޕީންސުން ތަޙްޤީޤުކުރަނީ


ޗައިނާއިން ކަނޑަށް ނަޖިސްފެން އަޅާ މައްސަލަ ތަޙްޤީޤުކުރުމަށް ފިލިޕީންސްގެ ދިފާޢީ ވަޒީރު ދެލްފިން ލޮރެންޒާނާ އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފިއެވެ.

ކަނޑަށް ނަޖިސްފެން އަޅާ މައްސަލަ ތަޙްޤީޤުކުރުމުގެ މަސައްކަތް ފިލިޕީންސުން ފަށާފައިވަނީ އެމެރިކާގެ ކުންފުންޏަކުން އެކުލަވާލައި ޢާންމުކުރި ރިޕޯޓަކާ ގުޅިގެންނެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ދެކުނު ޗައިނާ ކަނޑުގައި ޙަރަކާތްތެރިވާ ޗައިނާގެ މަސްވެރިން އެ ސަރަޙައްދަށް ގިނަ ޢަދަދެއްގެ ނަޖިސްފެން އަޅަމުންދާކަމަށާއި އެ ކަމުގެ ސަބަބުން އެ ސަރަޙައްދުގެ ތިމަވެއްޓަށް އެ ކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށެވެ. އެ ގޮތުން ޗައިނާއިން ނަޖިސްފެން އެޅުމުގެ ސަބަބުން ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ސަރަހައްދަށް ލިބިފައިވާ ގެއްލުންތައް ދައްކުވައިދޭ ސެޓަލައިޓު ފޮޓޯތަކެއްވެސްވަނީ ޢާންކޮށްފައެވެ.

ދެކުނު ޗައިނާ ކަނޑުގައި އަސްކަރީގޮތުންނާއި އިޤްތިޞާދީގޮތުން ޗައިނާއިން ހިންގަމުންދާ ޙަރަކާތްތަކާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލަނީ ފިލިޕީންސުންނެވެ. ދެކުނު ޗައިނާ ކަނޑުގެ 80 އިންސައްތައިގެ މިލްކުވެރިކަމަށް ޗައިނާއިން ދަޢުވާކެރެއެވެ. ޗައިނާގެ އިތުރުން ފިލިޕީންސާއި ތައިވާނާއި ވިއެތުނާމާއި މެލޭޝިޔާއާއި ބުރޫނާއީންވެސް ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމަށް ދަޢުވާކުރެއެވެ.

ދެކުނު ޗައިނާ ކަނޑަކީ ދުނިޔޭގެ އިޤްތިޞާދަށް މުހިންމު ސަރަޙައްދެކެވެ. އެ ގޮތުން އެ ސަރަޙައްދުގެ ތެރެއިން 3 ބިލިޔަން އެމެރިކާ ޑޮލަރުގެ ވިޔަފާރި މުދާ ދަތުރުކުރެއެވެ. އަދި އެއީ ތެލާއި ގޭހުގެ މުއްސަނދިކަންވެސް ލިބިފައިވާ ސަރަޙައްދެކެވެ.