ޚަބަރު

އަފްޣާނިސްތާނުގެ މައްސަލާގައި ސަރަޙައްދީ އިއްތިޙާދެއް އެކުލަވާލައިފި


އަފްޣާނިސްތާނުގެ މައްސަލާގައި އެމެރިކާ އިސްވެ ސަރަޙައްދީ އިއްތިޙާދެއް އެކުލަވާލައިފިއެވެ.

20 އަހަރު ދުވަހަށްފަހު އެމެރިކާގެ އިތުރުން ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯއިންވަނީ އަފްޣާނިސްތާނުން ފޭބުމަށް ނިންމައިފައެވެ. އެ ގޮތުން ނޭޓޯގެ ފައުޖުތަކުގައި ހިމެނޭ އިނގިރޭސިވިލާތާއި ޖަރުމަންވިލާތާއި އިޓަލީވިލާތުގެ ސިފައިންވަނީ އަފްޣާނިސްތާނުން ފައިބައިފައެވެ. އަދި އަންނަ އޮގަސްޓު މަސް ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމުގެ މަސައްކަތް އެމެރިކާގެ ސިފައިންވެސްވަނީ ފަށައިފައެވެ. އެ ގޮތުން އަފްޣާނިސްތާނުގެ ކަންދަހާރުގައި ޤާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުވެސްވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާ ޙަވާލުކޮށްފައެވެ. އެއީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ގެއްލުންބޮޑު އަދި ދިގު ހަނގުރާމައިގައި ބޭނުންކުރި އަސްކަރީ މައި މަރުކަޒުވެސްމެއެވެ.

ބޭރުގެ ފައުޖުތަކުން އަފްޣާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ޠާލިބާން ޖަމާޢަތުގެ ހަނގުރާމަވެރިންގެ ބާރުވަނީ އެ ޤައުމުގައި ވަރުގަދަކޮށްފައެވެ. ޠާލިބާނުންވަނީ އަފްޣާނިސްތާނުން ޕާކިސްތާނާއި ތަޖިކިސްތާނާއި އީރާނަށް ދެވެން އޮންނަ މައިމަގުތަކާއި ސަރަޙައްދީ ރޮނގުތައް އެ ޖަމާޢަތުގެ ބާރުގެ ދަށަށް ގެނެސްފައެވެ. ޠާލިބާނުން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 85 އިންސައްތަ ސަރަޙައްދުތައް އޮތީ އެ ޖަމާޢަތުގެ ބާރުގެ ދަށުގައެވެ.

އަފްޣާނިސްތާނުގެ ޙާލަތު ގޯސްވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއިން އިސްވެވަނީ ސަރަޙައްދީ އިއްތިޙާދެއް އެކުލަވާލައިފައެވެ. އެ އިއްތިޙާދުގައި ހިމެނެނީ އެމެރިކާއާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި އުޒުބަކިސްތާނެވެ. ބެލެވޭ ގޮތުގައި އެމެރިކާއިން އެ އިއްތިޙާދު އެކުލަވާލާފައިވަނީ ޠާލިބާނުންނާ ކުރިމަތިލުމުގެ އިތުރުން ރަޝިޔާއާ ވާދައަށެވެ. އެ ސަރަޙައްދުގައި ރަޝިޔާގެ ބާރާއި ނުފޫޒު ވަރަށް ބޮޑަށް އޮވެއެވެ. އެ ގޮތުން ޠާލިބާނުންގެ ނުރައްކާތެރިކަން އިތުރުވުމާއެކު އަފްޣާނިސްތާނާ އިންވެގެން އޮންނަ ތަޖިކިސްތާނުން އެންމެ ފުރަތަމަވެސް އެދުނީ ރަޝިޔާގެ އެހީތެރިކަމަށެވެ. ރަޝިޔާއިންވަނީ ތަޖިކިސްތާނުގައި އަސްކަރީ މަރުކަޒެއްވެސް ޤާއިމުކޮށްފައެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަފްޣާނިސްތާނުގެ މައްސަލައިގައި ސަރަޙައްދީ އިއްތިޙާދެއް އެކުލަވާލީ ޚާރިޖީ އަދި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމުގެ މަޤްޞަދުގައިކަމަށާއި މަގުޗާޓާ އެއްގޮތަށް އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފައިބާނެކަމަށެވެ. އަދި ދާޢީމީ ގޮތެއްގައި އަފްޣާނިސްތާނުގެ އިތުރުން ސަރަޙައްދީ ޤައުމުތަކުގައި ޞުލްޙަ ޤާއިމުކުރުމަށްވެސް އެ އިއްތިޙާދުން މަސައްކަތްކުރާނެކަމަށް އެމެެރިކާއިންވަނީ ބުނެފައެވެ.