ޚަބަރު

ވަރާން ބޭނުންވަނީ ޔުނައިޓަޑަށް ސޮއިކުރަން، މަދުވެގެން 50 މިލިޔަން ޔޫރޯ ރެއާލުން ބޭނުންވޭ


ރެއާލް މެޑުރިޑަށް ކުޅޭ ޑިފެންޑަރު ރަފަޔެލް ވަރާން މެންޗެސްޓަރ ޔުނައިޓަޑަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަރާންގެ އެޖެންޓުންވަނީ ޔުނައިޓަޑާ މަޝްވަރާކޮށް މުސާރައިގެ އޮނިގަނޑަކާ ހިސާބަށް އައިސްފައެވެ. އެ ގޮތުން ވަރާން ބޭނުންވާކަމަށްވަނީ އަހަރަކު 12 މިލިޔަން ޔޫރޯގެ މުސާރައެކެވެ. ރެއާލުން އޭނާއަށް ދެނީ އޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ. އަދި ރެއާލާއެކު އޮތް އެއްބަސްވުން އައުކުރުމަށް އެ ކުލަބުން ހުށަހަޅާފައިވަނީ އަހަރަކު 8 މިލިޔަން ޔޫރޯގެ މުސާރައެކެވެ. ނަމަވެސް އެއީ ވަރާން ހިތްހަމަޖެހޭ ޢަދަދެއް ނޫނެވެ. ރެއާލަށް އެންމެ ފަހުން ސޮއިކުރި ސްވިޓުޒަލެންޑުގެ ޑިފެންޑަރަށް ރެއާލުން އަހަރަކު 12 މިލިޔަން ޔޫރޯ ދިނުމަށްވަނީ އެއްބަސްވެފައެވެ.

ޔުނައިޓަޑަށް ބަދަލުވާން ވަރާން ބޭނުންވާކަން އެންގުމުން އެ ކުލަބާ ރެއާލާ ދެމެދުވަނީ މަޝްވަރާކުރަން ފަށައިފައެވެ. އެ ގޮތުން ވަރާން ދޫކޮށްލަން ރެއާލުން ބޭނުންވާ އަގަކީ މަދުވެގެން 50 މިލިޔަން ޔޫރޯއެވެ. ނަމަވެސް ޔުނައިޓަޑުން ހުށަހަޅާފައިވަނީ 45 މިލިޔަން ޔޫރޯއެވެ. އެހެންކަމުން އެއީ މަޝްވަރާކޮށްގެން އެއްބަސްވެވޭނެ ކަމެއްކަމަށް ޤަބޫލުކުރެވެއެވެ.

ރެއާލާއެކު ވަރާން ސޮއިކޮށްފައިވާ އެއްބަސްވުން 2022ވަނަ އަހަރުގެ ޖޫން މަހުގެ 30ވަނަ ދުވަހު ހަމަވާނެއެވެ. އެއާއެކު އެއްވެސް އަގަކައި ނުލައި އޭނާ ބޭނުންވާ ކުލަބަކަށް ސޮއިކުރުމުގެ ފުރުޞަތު އޭނާއަށް ލިބޭނެއެވެ. ނަމަވެސް އެއީ ރެއާލުން ފުރުޞަތު ދޭނެކަމެއްކަމަކަށް ނުބެލެވެއެވެ. ރެއާލުގެ ކެޕުޓަން ސާހިޔޯ ރާމޯސްވެސްވަނީ އެއްވެސް އަގަކައި ނުލައި ޕީއެސްޖީއަށް މި މަހުގެ ތެރޭގައި ބަދަލުވެފައެވެ.

ޔޫރޯ 2020 ފުޓުބޯޅަ މުބާރާތުގައި ފަރަންސޭސިވިލާތުން ކުޅުނު 4 މެޗުގައިވެސް ވަރާންވަނީ ކުޅެފައެވެ. އަދި ޖުލައި މަހުގެ 23ވަނަ ދުވަހާ ހަމައަށް އޭނާ ހުންނާނީ ޗުއްޓީގައެވެ.