ދުނިޔެ

އޮބާމާ ޕެރިހަށް ވަޑައިގަންނަވައިފި


މޫސުމާއި ބެހޭ އދ. ގެ ބައިނަލްއަޤްވާމީ ބައްދަލުވުން، ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ވަޑައިގަންނަވައިފިއެވެ.ކޮންފަރެންސް އޮފް ޕާރޓީސް – ކޮޕްގެ 21 ވަނަ ސަމިޓުގައި ދުނިޔޭގެ ގިނަ ޤައުމުތަކަކުން، އެޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކޮށް މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް ހުށައެޅުން އޮންނާނެއެވެ.ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގެ އެކި ހިސާބުތަކުގައި ދާދި ފަހުން ދީފައިވާ ޓެރަރިސްޓު ހަމަލާތަކާއި ގުޅިގެން، ކޮޕް ސަމިޓުގައި ބައިވެރިވުމަށް އެކި ޤައުމުތަކުގެ އެންމެ އިސްވެރިން އެޤައުމަށް ޒިޔާރަތްކުރުމުގެ ކުރިޔަށް ޕެރިހުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކުރެވިފައެވެ. މިގޮތުން ޕެރިހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެޤައުމުގެ ސަލާމަތީބާރުތަކުން ވަނީ އިތުރު 8000 ފުލުހުން މަގުތަކަށް ނެރެ، މަގުތައް ޕެޓްރޯލް ކުރަން ފަށާފައެވެ.