ޚަބަރު

ފެންބޮޑުވެ ޖަރުމަންވިލާތާއި ބެލްޖިޔަމުން އެތައް ބަޔަކު މަރުވެއްޖެ


ޖަރުމަންވިލާތާއި ބެލްޖިޔަމުގައި ފެންބޮޑުވެގެން ހިނގި އެކި ޙާދިޘާތަކުގައި 100އެއްހާ މީހުން މަރުވެ ގިނަ ޢަދަދެއްގެ ބަޔަކު ގެއްލިއްޖެއެވެ.

ހުޅަނގުގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތައްކަމަށްވާ ޖަރުމަންވިލާތާއި ބެލްޖިޔަމާއި ނެދަލަންޑްސްގެ ކޯރުތައް ފުރިގެން ބަންޑުންވެ އެ ޤައުމުތަކުގެ ގިނަ ސަރަޙައްދުތަކުގައިވަނީ ފެންބޮޑުވެފައެވެ. އެ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖަރުމަންވިލާތަށެވެ. އެ ޤައުމުން 80އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި އަވަށްޓެރި ބެލްޖިޔަމުންވަނީ 11އަށްވުރެ ގިނަ މީހުން މަރުވެފައެވެ. ނަމަވެސް ނެދަލެންޑްސުން މަރުވި މީހުންގެ ޢަދަދެއްގެ ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ޢަދަދެއްގެ މީހުން މަރުވެ އަދި ގެއްލުމުގެ އިތުރުން ޖަރުމަންވިލާތުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންގެ ގެދޮރުތަކަށް ބޮޑެތި ގެއްލުންތަކެއްވެ ކަރަންޓާއި ފެނާއި އިންޓަނެޓުފަދަ ޚިދުމަތްތަކަށްވަނީ ބުރޫއަރައިފައެވެ. އޭގެ އިތުރުން ޖަރުމަނަވިލާތުގެ އަސްކަރިއްޔާއިންވަނީ ބައެއް ސަރަޙައްދުތަކުގެ ދިރުއުޅޭ މީހުން ސަލާމަތްވުމަށް އިމާރާތްތަކުގެ ފުރާޅުމައްޗަށް އެރުމުން ހެލިކޮޕުޓަރުތަކުގައި ސަލާމަތްކޮށްގެން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ.